ޚަބަރު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ގަސް އިންދުމުގެ ހަރަކާތެއް


  • ސަރުކާރުން ވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް އިއުލާންކުރައްވާފައި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ތިމާވެށީގެ ދުވަހު ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ސްޓެލްކޯއިން ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އެދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ގަސް އިންދުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތަކީ ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް ފަހްމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ސަބަބުން އިއާދަކުރަނި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދަން އެކުންފުނިން ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދެވުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ބޭއްވި "ކޮޕް28" ސަމިޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އަންނަމަހުގެ 5 ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކެއްގައިވެސް މި ޕްރޮގްރާމް ކުރިއަށްދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށާއި، އޭގެތެރޭގައި ހިމެނެނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ޕްރޮގްރާމުގައި ރަށްތަކުގެ ކައުންސިލްތަކާއި އޮފީސް އަދި އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.