ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން މިފަދައިން ވިދާޅުވީ ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ދޭ ޓުއަރިސްޓް ވީޒާގެ އިންތިޒާމްތަކަށް ބައެއް ބަދަލުތަކެއް އެގައުމުން ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދުރާލާ ވިސާ ނެގުމެއްނެތި ސްރީލަންކާއަށް ދެވެން އޮތް އުޞޫލުގެ ދަށުން މިހާރުވެސް ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި 30 ދުވަހަށް ވުރެ ގިނަ ދުވަހު ސްރީލަންކާގައި ތިބެން ބޭނުންވާ 6 މަސްދުވަހުގެ ވިސާއަށް އީ-ވިސާ https://www.srilankaevisa.lk/.މެދުވެރިކޮށް ހުށައެޅޭނެކަމަށެވެ. ނަމަވެސް ކުރިއާ ޚިލާފަށް ވިސާގެ މުއްދަތު އިތުރުކުރާނަމަ އެޑްމިނިސްްޓްރޭޓިވް ފީއެއް ނަގާނެކަމަށާއި އެ ފީ އުނިކުރުުމަށް މަޝްވަރާކުރަމުން ގެންދާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ސްރީލަންކާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ވިސާގެ މުއްދަތު އިތުރުކުރަން ޖެހޭ ފަރާތްތަކުން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެހީތެރިކަން ހޯދޭނެކަމަށެވެ. އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު ޤާއިމްކޮށްފައިވާ ވިސާ ވެއިވަރ އެއްބަސްވުން އެގޮތުގައި ބޭއްވުމަށާއި ދެޤައުމަށްވެސް ފައިދާވާނެގޮތަކަށް އިންތިޒާމަތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށްވެސް ހާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.