ޚަބަރު

60އަށްވުރެ ގިނަ ބައިވެރިންނާއެކު ޖަމުޢިއްޔާތަކުގެ މަހާސިންތާ މާދަމާ


  • މަހާސިންތާ ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށް

  • ހުވަދު އަތޮޅުގެ ގިނަ ޖަމްޢިއްޔާތަކުން ބައިވެރިވޭ

މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައިހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމަށް ބާއްވާ ޖަމްޢިއްޔާތަކުގެ މަހާސިންތާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިމަހުގެ 25އިން 27އަށް ކުރިއަށްގެންދާ މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ.

މަހާސިންތާ ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ މާހާސިންތާއަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ. އެގޮތުން މަހާސިންތާއަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވިދާޅުވީ ހުވަދު އަތޮޅު ހުރިހާ ރަށަކުންވެސް މި މަހާސިންތާއަށް އެއްބާރުލުން ލިބެމުން އަންނަކަމަށެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ ގއ. ވިލިނގިލީގައި މަހާސިންތާ ބޭއްވުމަށް ނިންމެވީ އެރަށަކީ ހުވަދު އަތޮޅުގެ މުހިންމު ރަށަކަށްވާތީކަމަށެވެ.

"އާންމުކޮށް މާލޭގައި ބާއްވަނީ އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލްކުރަނީ ޖަމުޢިއްޔާތައް ބާރުވެރި ކުރުމުގައި ޖަމުޢިއްޔާތައް ހަރަކާތްތެރިވަނީ ހަމައެކަނި މާލެއަކު ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހަރަކާތްތެރިވޭ. އެހެންވީމާއި މިއީ ވަރަށް ރަނގަޅު ފެށުމެއްކަމަށް ގަބޫލްކުރަނީ ވިލިންގިލި ކަހަލަ ރަށެއްގައި މި މަހާސިންތާ ބޭއްވުން" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވަން ނިންމާފައިވަނީ މަދަނީ ޖަމްޢިއްޔާތައް ހިންގުމުގައިހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމަށް ކަމަށެވެ. އަދި ޖަމްޢިއްޔާތަކަށް ފަހި ވެއްޓެއް ހޯދައިދެވޭނެ ގޮތްތައް ދެނެގަތުމަކީވެސް މަހާސިންތާ ބޭއްވުމުގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިމަހާސިންތާގައި ޤައުމީ ކުރިއެރުމަށާއި މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޖަމްޢިއްޔާތަކުގެ މަހާސިންތާގައި މަދަނީ ޖަމްޢިއްޔާތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުން ޚިދުމަތުގެ ގއ އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުން މަހާސިންތާގައި ބައިވެރިވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ 60 ބައިވެރިންނާއެކުއެވެ. އަދި މަހާސިންތާގައި 6 ފަރާތަކުން ތަފާތު މަޢުޟޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ހަމަޖެހިފައިވެއެވެ.