ޚަބަރު

ދިވެހި ޙައްޖު މިޝަނުން މަޝާއިރުގައި ޚިދުމަތްދޭ ކުންފުންޏާ ބައްދަލުކޮށްފި


  • ދިވެހި ޙައްޖުވެރިންނަށް ރަނގަޅު ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސާދެއްވުމަށް އެދުނު

  • ދިވެހިރަހަތަކުގެ ކެއުން ތައްޔާރުކުރުމަށް ވިސްނާކަމަށް އެ ކުންފުނިން ބުނި

ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް، ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ ކުންފުނީގެ ސީއީއޯއާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކުރައްވައިފިއެވެ.

1445 ވަނަ އަހަރު މަޝާއިރުގައި ރާއްޖޭގެ ޙައްޖުވެރިންނަށް ޚިދުމަތްދެނީ ރަވާފް މިނާ ފޮރ ޙައްޖު ސަރވިސަސް ކުންފުނިންނެވެ. އެ ކުންފުނީގެ ސީ.އީ.އޯ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޫއާއެކު ޙައްޖު މިޝަނުން ބޭއްވި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް އެކުންފުނިން މިހާރު ވެފައިވާ ތައްޔާރީތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވާފައިވާކަމަށް ޙައްޖު މިޝަނުން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަންގެ ރައީސް، އަދި އިސްލާމިލް މިނިސްޓަރުގެ ނައިބު އަލްއުސްތާޛު އުސާމް މުހައްމަދު ދެއްކެވި ވާހަކައިގައި، ދިވެހި ޙައްޖުވެރިންނަށް ޢާއްމުކޮށް ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރުމަށް، ކުރެވިދާނެކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ދިވެހި ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ލުއިފަސޭހަ އިންތިޒާމް ތަކެއް ހަމަޖައްސާ ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ރަވާފް މިނާ ފޮރ ޙައްޖު ސަރވިސަސްގެ ސިއީއޯ ދެއްކެވި ވާހަކައިގައި އެކުންފުނީގެ މަޤްޞަދަކީ ޙައްޖުވެރިންނަށް ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ދިނުންކަމަށާއި، އެކަން ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން، އާންމުކޮށް މިނާގައި ދިވެހިންނަށް ދިމާވާ ކާބޯތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ދިވެހިރަހަތައް ހިމަނައިގެން ކެއުންތައްޔާރުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރެއްވިއެވެ.

ރަވާފް މިނާ ފޮރ ޙައްޖު ސަރވިސަސްއަކީ ސައޫދީ ސަރުކާރުން މިއަހަރު ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް ހުއްދަ ދެއްވާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާހުރި ކުންފުންޏެކެވެ.

ދިވެހި ޙައްޖު މިޝަނުން ވަނީ، ޙައްޖުވެރިންނަށް މަޝާޢިރުގައި ޚިދުމަތްދޭ މުޠައްވިފާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ޙައްޖުވެރިންނަށް މަޝާޢިރުގައި ކުރިމަތިވާ ދަތިތަކާއި އެކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.