ޚަބަރު

ނޭޗާ ޕާކުތައް ތަރައްޤީ ކުރުމަށް 23 ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފި


  • ބަޔޯސްފިއަރ ރިޒާވް ޤާއިމް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރީ އެންމެ ފަރާތަކުން

  • ނޭޗަރ ޕާކާއި ބަޔޯސްފިއާރ ރިޒާވް ޤާއިމް ކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދެއް

ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ތަރައްޤީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި 23 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ޤާއިމް ކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ އަތޮޅުތަކާއި ރައްތަކުން ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅުމަށް ހުޅުވާލީ މިއަހަރު ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. ވަޒީރު ވިދާޅުވީ ނޭޗާ ޕާކުތައް ޤާއިމް ކުރުމަށް ހުޅުވާލި ފުރުސަތުގައި 23 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ ފަރާތްތަކުން ހުށަހެޅި ލިއުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

" 23 އީއޯއައި އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. އެ 23 އީއޯއައި އިވެލުއޭޓު ކުރުމަށްފަހު ނޭޗަރ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތަށް ދެން ކުރަން ޖެހޭ މަސައްކަތް މިއަހަރު ފަހުކޮޅު ކުރެވިގެންދާނެ ވާހަކަ ދަންނަވާލަން " ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވިއެވެ.

ނޭޗަރ ޕާކުތައް ޤާއިމް ކުރުމުގެ އިތުރަށް މި ފަސް އަހަރުގެ ތެރޭގައި 3 ސަރަހައްދެއްގައި ބަޔޯސްފިއަރ ރިޒާވް ޤާއިމް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިކަމަށްވެސް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ބަޔޯސްފިއަރ ރިޒާވް ޤާއިމްކުރުމަށް މިފަހަރު ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިކަމަށްވެސް ޝައުޤުވެރިކަން ފާޅުކޮށް ހުށަހެޅި ލިއުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކޮށް އިތުރު 3 ބަޔޯސްފިއަރ ރިޒާވް ގާއިމުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.