ޚަބަރު

އިންޑިއާ ސްޓީލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް


  • މި އެކްސްޕޯ ކުރިއަށްދާނީ އޭޕްރީލްމަހުގެ 24 އިން 26އަށް

  • އެކްސްޕޯ ކުރިއަށްދާނީ އިންޑިއާގެ މުމްބާއީގައި

  • ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައި

އިންޑިއާ ސްޓީލް ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސް އަންނަ އަހަރުގެ އޭޕްރީލްމަހުގެ 24 އިން 26އަށް އިންޑިއާގެ މުމްބާއީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން އަންގަވާފައިވާކަމަށެވެ.

މި އެގްޒިބިޝަން އަދި ކޮންފަރެންސާއި ގުޅޭ މައުލޫމާތު އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، ޓްރޭޑް ޗެމްބާރސް އެންޑް އެސޯސިއޭޝަންއާ ގުޅިގެން ފޯރުކޮށްދިނުމަށް ހަމަޖެހިފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ކޮންފަރެންސްއަކީ، ވިޔަފާރިއާއި އިންވެސްޓްމަންޓް ދާއިރާއިން ވިޔަފާރިވެރިންގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ފުރުޞަތެއްކަން އިޤްތިސާދީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރީ ކުރުމަށް އެވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

އިންޑިއާ ސްޓީލް އެކްސްޕޯއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މުހިއްމު އެކްސްޕޯއެކެވެ. މި އެކްސްޕޯގައި އެންމެ ފަހުގެ ޒަމާނީ އުފެއްދުންތައް ދައްކާލުމާއި، އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ހައްލުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.

އެންމެފަހުން ބޭއްވި އިންޑިއާ ސްޓީލް އެކްސްޕޯގައި 11 ޤައުމަކުން 250 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އަދި 800 އަށްވުރެ ގިނަ ބައިވެރިން މި އެކްސްޕޯގައި ބައިވެރިވިއެވެ.