ޚަބަރު

ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑރ.ޚަލީލު ޖެނީވާއަށް


  • ކޮމަންވެލްތަކީ 56 ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް

  • ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ދާއިރާގައި ހުރި ގޮންޖެހުންތަކަށް މަޝްވަރާކުރާނެ

ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމާއި، ވޯލްޑް ހެލްތް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސިއްޙަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު، ސުވިޓްޒަލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ.

ކޮމަންވެލްތަކީ 56 ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި އުފުލައި، އެ ޤައުމުތަކުގައި އެކި ދާއިރާތަކުން ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް ގުޅިގެން މަޝްވަރާކޮށް މަސައްކަތްކުރުމެވެ.

ކޮމަންވެލްތް 36ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމާއި ވޯލްޑް ހެލްތް އެސެމްބްލީގެ ބައްދަލުވުންތައް އޮންނަނީ ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިމަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ.

ބައްދަލުވުމުގައި ސިއްޙީ ދާއިރާއާއި ޚިދުމަތްތައް ކުރިއެރުވުމާއި ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. ޚާއްސަކޮށް ކުދި ޤައުމުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުމާގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މިމަހުގެ 16 އަދި 17ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ، ކޮމަންވެލްތް ޤައުމުތަކުގެ ތަޢުލީމީ ވަޒީރުގެ 22ވަނަ ކޮންފަރެންސްގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއުއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.