ކުޅިވަރު

ޔޫރޮޕާ ލީގު ކާމިޔާބުކޮށް އެޓަލާންޓާ ތާރީޚުގެ ތެރެއަށް


ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ ދެވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށް، އިޓަލީގެ އެޓަލާންޓާއިން ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

އަޔަލެންޑްގެ ޑަބްލިންގައި ކުޅުނު ފައިނަލް މެޗު އެޓަލާންޓާއިން ކާމިޔާބުކުރީ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތަރިއަކީ އެޓަލާންޓާއަށް ކުޅެމުން އަންނަ ނައިޖީރިއާގެ އަޑެމޯލާ ލޫކްމަންއެވެ. މި މެޗުގައި ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ލޫކްމަންއެވެ.

ފައިނަލް މެޗުގައި ގިނައިރު ލެވަކޫސަންއިން ބޯޅަ ގެންގުޅުނުއިރު، ގިނަ ހަމަލާ އުފައްދާފައިވަނީ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި އެޓަލާންޓާއންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އެޓަލާންޓާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ލޫކްމަން ކާމިޔާބުކުރީ ޑޭވިޑް ޒަޕަކޯސްޓާ ދިން ބޯޅައަކުންނެވެ.

ރޭގެ މެޗުގައި އެޓަލާންޓާއިން ދެވަނަ ލަނޑު ޖެހުމުގެ ކުރިން ލެވަކޫސަންގައި ގްރަނިޓް ޝަކާ ވާނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ލޫކްމަންއެވެ. މި މެޗުގައި އެޓަލާންޓާއިން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށެވެ. ލޫކްމަން މި ލަނޑު ކާމިޔާބުކުރީ ލެވަކޫސަންގެ ޑިފެންޑަރު އެޑްމޮންޑް ޓޮޕްސޮބާ ކައިރިން ނައްޓާލުމަށްފަހު ލިބުނު ފުރުސަތެއްގައެވެ.

މި ކާމިޔާބަކީ 1963 އަހަރު ފަހުން އެޓަލާންޓާއިން ހޯދި ދެވަނަ ތައްޓެވެ. މި ކާމިޔާބު ހޯދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ އެޓީމުގެ ކޯޗު ޖިއާން ގަސްޕިރީނީއެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގައި 30 އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ތައްޓެވެ. އަދި މިއީ އެޓަލާންޓާއިން 61 އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ތައްޓެވެ.

މި މެޗާއެކު މިސީޒަނުގެ ހުރިހާ މުބާރާތެއްގައި ލެވަކޫސަންއިން ބަލިނުވެ ދަމަހައްޓަމުން ދިޔަ ރިކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ. އެ ޓީމުން ބަލިނުވެ ޖަރުމަން ލީގު ކާމިޔާބުކުރުމުގެ އިތުރުން ޔޫރަޕުގެ މުބާރާތްތަކާއެކު ބަލިނުވެ 51 މެޗު ވަނީ ހަމަކޮށްފައެވެ.

މިއީ ލެވަކޫސަން ޔޫރަޕުގެ ފައިނަލުގައި ވާދަކުރި ތިންވަނަ ފަހަރެވެ. މި ކާމިޔާބާއެކު އެޓަލާންޓާއިން ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ.