ކުޅިވަރު

ދީމާގެ ކާމިޔާބީއަކީ ގޮންޖެހުންތަކާއެކު ލިބުނު ބޮޑު ޝަރަފެއް: ތަމޫހު


އޮލިމްޕިކަސްއަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓުގެ ޝަރަފު ހޯދުމަކީ ގޮންޖެހުންތަކާއެކު ލިބުނު ބޮޑު ޝަރަފެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދީމާގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަމޫހު ވިދާޅުވީ ދީމާގެ މި ކާމިޔާބީއަކީ ދިމާގެ ކުޅިވަރު ހަޔާތާއި ދިވެހި ކުޅިވަރުގައި އަމުނާލެވުނު އައު ބޮޅެއް ކަމަށެވެ. އަދި ދީމާގެ ކާމިޔާބުން ރަމްޒުކޮށްދެނީ ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށްވިޔަސް، ގަދަ ހިތްވަރާއި އަޒުމާއެކު ކާމިޔާބު ހޯދޭނޭކަން ކަމަށް ތަމޫހު ވިދާޅުވިއެވެ.

މިއީ މިޖީލުގެ ކުޅިވަރުގެ ސަފުހާތަކުން އައު ބާބެއް ފެށުނު ދުވަހެއްގެ ގޮތުގައި ތަމޫހު ވަނީ ފާހަގަކުރައްވާފައެވެ. ދިމާ ވަނީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވިފައި ކަމަށް ތަމޫހު ވިދާޅުވިއެވެ. އަދި އުމުރުން ކުޑަ ނަމަވެސް ކުޅިވަރު މައިދާނުގައި ދީމާގެ ހިތްވަރުން މިއަދު އަރަމުން އަންނަ އެތުލީޓުން މިސާލު ނަގަންޖެހޭ ކަމަށް ތަމޫހު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގޮތުން މިހާތަނަށް ދީމާ ހޯދާފައިވާ ތަފާތު މެޑަލްތަކަކީ މި ދަތުރުގައި ގަދަ ކަނޑު ގިރާކުރަމުން ކެނޑިނޭޅި ކުރި ހިތްވަރާއި އަޒުމު ދައްކައިދިން އަލިގަދަ ހެކިތަކެއް ކަމަށް ތަމޫހު ވިދާޅުވިއެވެ.

މިއީ އެތަކެއް ގޮންޖެހުންތަކާއެކު ދަމަހައްޓަމުން އައި ކާމިޔާބީގެ ނަތީޖާ ކަމަށާއި، މި މަގުން ހޯދައިދެވުނު ބޮޑު ކާމިޔާބެއް ގޮތުގައި ތަމޫހު ވަނީ ސިފަކުރައްވާފައެވެ. ތަމޫހު ވިދާޅުވީ މި ކާމިޔާބީގައި ދީމާ އެންމެ އުހަށް ދިއުމުގައި ބޮޑު ޓީމެއް އެހީތެރިކަން ލިބިގެންދިޔަ ކަމަށެވެ.

މި ރަސްމިއްޔާތުގައި ތަމޫހު ވަނީ ދިމާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން އޭނާގެ މައިންބަފައިންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ތަމޫހު ވަނީ ޓީޓީ އެސޯސިއޭޝަނުން ދިމާގެ އިތުރުން އަރަމުން އަންނަ ޓީޓީ ކުޅުންތެރިންނަށް ތަނަވަސްކޮށްދޭ ފުރުސަތުތަކާއި، ކޮށްދެމުން އަންނަ މަސައްކަތަށްވެސް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމްއޯސީ އަބަދުވެސް ދެމި އޮންނާނީ މިފަދަ އެތުލީޓުންނާއި ބެލެނިވެރިންނާއި، އެސޯސިއޭޝަންތައް ގުޅުވާލައިދޭ އެންމެ މުހިންމު ވަސީލަތެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މިއަދު މި ފާހަގަކުރެވުމުންދަނީ އެންމެ އެކުވެ މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެކަމުގެ ހެކިކަމަށް ތަމޫހު ވިދާޅުވިއެވެ. ދީމާގެ މަންޒިލަށް ވާސިލުވުމަށް ބޮޑު ސިންގާ ކަނޑެއް ހުރަސްކުރަން އަދި އެބައޮތް ކަމަށް ތަމޫހު ވިދާޅުވިއެވެ. އަދި ދީމާ ދައްކަމުންދާ ހިތްވަރުން މި ދަތުރަކީ ދިވެހި ގައުމު ފަހަތުގައި އޮވެ އަމާން އުޖާލާ ދަތުރަކަށް ވާނެކަން ޔަގީން ކުރައްވާކަމަށްވެސް ތަމޫހު ވިދާޅުވިއެވެ.

ދީމާ ވަނީ ފުރަތަމަ ކޮލިފައިވި ދިވެހި ޖޫނިއަރ އެތުލީޓުގެ ޝަރަފު ހޯދައި، 15 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ޓީޓީ ފެޑެރޭޝަނުންގެ ރޭންކިންގެ ފަޚުރުވެރި ވަނައެއް ހޯދާފައެވެ.