އަންނަ މަހު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ޕޯޗުގަލްގެ ގައުމީ ޓީމުގެ ސްކޮޑުގައި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.
މުބާރާތަށް އެކުލަވާލި ސްކޮޑުގައި އުމުރުން 39 އަހަރުގެ ފޯވާޑް ހިމަނާފައިވާއިރު، މި ފަހަރުގެ ޔޫރޯގައި ކުޅެފިނަމަ ވެގެންދާނީ ރޮނާލްޑޯގެ ހަވަނަ ޔޫރޯއަށެވެ. ޕޯޗުގަލްގެ ސްކޮޑުގައި ހިމެނިއިރު އޭނާ މިހާރު ކުޅެމުން އަންނަނީ ސައުދީގެ އަލް-ނަސްރަށެވެ.
ޕޯޗުގަލް ސްކޮޑުގައި ރޮނާލްޑޯ ހިމެނުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އުމުރުން ކިތަންމެ ދުވަސްވީ ނަމަވެސް، ރޮނާލްޑޯގެ ލީޑާޝިޕް ދަނޑުމަތީގައި މުހިންމު ކަމަށެވެ. އަދި އެ ފެންވަރުގެ ކޮލިޓީ ކުޅުންތެރިއެއް ސްކޮޑުގައި ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކޯޗު ފާހަގަކުރިއެވެ.
މި އަހަރުގެ ޔޫރޯ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާއިރު، އުމުރުން 39 އަހަރުގެ ފޯވާޑް ތައްޔާރުވަމުންދަނީ ގައުމީ ޓީމާއެކު 11 ވަނަ މުބާރާތަށެވެ. މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް ރޮނާލްޑޯ ވަނީ 206 މެޗުން 128 ލަނޑު ޖަހައިދީފައެވެ.
ފަސް ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ އެންމެ ފުރަތަމަ ޔޫރޯއެއް ކުޅެފައިވަނީ 2004 ވަނަ އަހަރުއެވެ. އެ ފަހަރު އަމިއްލަ ގައުމުގައި ޕޯޗުގަލް ވަނީ ފައިނަލަށް ގޮސްފައެވެ. ފައިނަލުން ބަލިވީ ގްރީސް އަތުންނެވެ. ޔޫރޯ 2016 ޕޯޗުގަލްއިން ކާމިޔާބުކުރުމުގައި ރޮނާލްޑޯ ބޮޑު ރޯލެއް ކުޅެފައިވާއިރު، އޭގެ ފަހުން ޔުއެފާ ނޭޝަންސް ލީގުވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލްއާއެކު ކާމިޔާބުކޮށްފައެވެ.
ޕޯޗުގަލްގެ ފުލް ސްކޮޑުގައި މިފަހަރު ހިމެނުނު ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރުންގެ ގޮތުގައި ހިމަނާފައިވަނީ ޕޯޓޯގެ ކީޕަރު ޑިއޭގޯ ކޮސްޓާ، ވުލްވްސްގެ ކީޕަރު ޖޯސޭ ސަރ އަދި ރޯމާގެ ކީޕަރު ރުއި ޕެޓްރީޝިއޯ އެވެ. ޑިފެންޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ބެންފީކާގެ އެންޓޯނިއޯ ސިލްވާ، ޕީއެސްޖީގެ ނޫނޯ މެންޑޭޒް، ޑެނީލޯ ޕެރޭރާ އިތުރުން ބާސެލޯނާގެ ޖާއޯ ކާންސެލޯއެވެ. މިޑްފީލްޑަރުންގެ ތެރޭގައި ޕީއެސްޖީގެ ވިޓީނިއާ، އަދި މެންޗެސްޓާ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒް ހިމެނެއެވެ. ފޯވާޑުންގެ ތެރޭގައި ރޮނާލްޑޯއާއެކު ވުލްވްސްގެ ޕެޑްރޯ ނެޓޯ، ސިޓީގެ ބާނާޑޯ ސިލްވާ އަދި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ހިމެނެއެވެ.