ދުނިޔެ

މެޑިޓަރޭނިޔަން ހުރަސް ކުރަން އުޅުނު ބައެއް ސަލާމަތްކުރުން


މެޑިޓަރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ބައްރަށް ހިޖުރަކުރަން މަސައްކަތްކުރި 600 އެއްހާ ރެފިއުޖީން ޣަރަގުވުމުން ސަލާމަތްކޮށް އިޓަލީގެ ދެކުނުގެ ޖަޒީރާއެއްކަމަށްވާ ސިސިލީއަށް އެމީހުން ގެންދިޔަ ޚަބަރާ ގުޅިގެން އެކިފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.

މި ބައިމީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގީ އިޓަލީގެކަނޑުގެ ސިފައިންނާއި ކޯސްޓްގާޑާ އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޑޮކްޓަރސް ވިތައުޓް ބޯޑާސްއާއި ވިލާތުގެ އިއްތިޙާދުގެ ބޭރުގެ ސަރަޙައްދީ ރޮނގުތަކާބެހޭ އެޖެންސީ ކަމަށްވާ ފްރޮންޓެކްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.

އިޓަލީގެ ރަސްމީ ފަރާތްތަކުން ބުނީ ޣަރަގުވުމުން ސަލާމަތްކުރެވުނު 700 އެއްހާ މީހުން ގެންގޮސްފައިވަނީ ސިސިލީގެ އޮގަސްޓާ ބަނދަރަށްކަމަށާ، އެމީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ހިންގީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރުދުވަހާ އަދި ހޮނިހިރު ދުވަހު ކަމަށެވެ. މި މުހާޖިރުން ނިސްބަތްވާ ޤައުމުތަކުގެ ނަންތައް އިޓަލީން ހާމަކޮށްފައެއް ނުވެއެވެ.