ޚަބަރު

މޫސުން ގޯސްވުމުން އޮރެންޖު އިންޒާރުގެ މުއްދަތު އިތުރުކޮށްފި


  • އިންޒާރުގެ މުއްދަތު މިރޭ 10:30 އާ ހަމައަށް ވަނީ އިތުރުކޮށްފައި

  • ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރޭ

ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވުމުގެ ސަބަބުން އޮރެންޖް އިންޒާރުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި އިންޒާރުގެ މުއްދަތު އިތުރުކޮށްފައިވަނީ މިރޭ 10:30 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ށ. އަތޮޅާއި ފ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މި ދުވަސްވަރު ބޮޑަށް ކުރަމުންދަނީ އުތުރާއި މެދުރާއްޖެތެރެއަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު އިންޒާރުތައް ނެރެފައިވާ މުއްދަތުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.އަދި ކަނޑުދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ރޭގަނޑު ކަނޑުދަތުރުތައް ނުކުރުމަށް ވަނީ އެދިފައެވެ.