ޚަބަރު

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ޚާއްޞަ ސްކީމެއް ތަޢާރަފްކޮށްފި


  • މިއީ 15 މިލިއަން ރުފިޔާ މެޗިން ގްރާންޓް ސްކީމެއް

  • ފުރަތަމަ ބުރުގައި ގްރާންޓް ހާއްސަ ކުރަނީ ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށް

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ދަނޑުވެރި މަންފާ"ގެ ނަމުގައި މެޗިންގް ގްރާންޓް ސްކީމެއް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ތަޢާރަފްކޮށްފިއެވެ.

އަންނަ މަހު ސްކީމަށް އެދެވޭ ގޮތަށް ހުޅުވާލާ މި ސްކީމަކީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށް ގެންދާ ސްކީމެކެވެ. މި ގްރާންޓް ސްކީމަށް ހުޅުވާލަނީ އެސްޑީއެފްސީ މެދުވެރުކޮށެވެ. އެގޮތުން 15 މިލިއަން ރުފިޔާގެ މި މެޗިން ގްރާންޓަށް އެދުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 25 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރި މަންފާ ސްކީމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމީއްޔާތަކުގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ބުރުގައި ހުޅުވާލެވޭނީ، ޕްރޮޑަކްޝަނަށް ނުވަތަ ދަނޑުވެރި ތަކެތި އުފެއްދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގްރީންހައުސް އިންސްޓޯލް ކުރުމާއި ހައިޑްރޮފޯނިކްސް ސިސްޓަމްތައް ޤާއިމް ކުރުން ނުވަތަ އެނޫންވެސް ޒަމާނީ މިފަދަ ވަސީލަތްތައް ޤާއިމް ކުރަން މިފަހަރު ސްކީމުގެ ދަށުން ފުރުސަތު ދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް ހުޅުވާލާ ބުރުތަކުގައި، އެހެން ކަންކަމަށް ފުރުސަތު ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަށް ހުރި ބުރުތަކުގައި ހުޅުވާލެވޭނެ ދަނޑުވެރިކަމުގެ ޕެކޭޖިންގް، ލޮޖިސްޓިކް އިންޕުޓް ސަޕްލައި ނުވަތަ ދަނޑުވެރިކަމަށް ބޭނުންވާ ކާނާއާއި ތަކެތި ސަޕްލައި ކޮށްދިނުމާއި، ކޯލްޑް ސްޓޯރޭޖް ފަދަ ކަންކަން ޤާއިމް ކުރުމަށް. " ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސްކީމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ ފިނޭންސް މިނިސްޓްރީއާއި އެސްޑީއެފްސީ އަދި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ ދެމެދު ވެވުނު އެމްއޯޔޫގެ ދަށުންކަމަށެވެ. އަދި ސްކީމު މަހެއްހާ ދުވަސް ކުރިން ތަޢާރަފް ކުރަނީ ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ލިއުންތައް ހަމަކޮށް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމަކީ އެގްރިކަލްޗާ މިނިސްޓްރީއާއި އިފާޑް ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ޕްރޮގްރާމްގައި ހިމެނޭ ރަށްތަކުގައި އެ ރަށެއްގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާމާ ފޯރަމްތަކެއް ގާއިމުކޮށް، އެ ފަރާތްތަކަށް ދަނޑުވެރިކަމާ ގުޅުންހުރި މައުލޫމާތާއި ތަމުރީނުތަކުގެ އިތުރުން މާލީގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.