ދުނިޔެ

ހޫނު ގަދަވުމުގެ ސަބަބުން އިންޑިއާގެ އިޤްތިސޯދަށް އަސަރުކުރޭ- މޯދީ


އިންޑިޔާއަށް ކުރިމަތިވެފައިވާ ވާރޭ ނުވެހުމާއި ހޫނުގަދަވުމާ އަދި ހަނަފަސްކަމުގެ ސަބަބުން އެޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ވިދާޅުވީ ހަނަފަސްކަމާއި ގަދަ ހޫނުގެ ސަބަބުން އިންޑިޔާގެ އެތައް ސްޓޭޓެއްގައި ދަނޑުވެރިކަން ހަލާކުވެ، އިންޑިޔާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުންނަށް މިކަމުގެ ގެއްލުންތައް ފޯރާފައިވާކަމަށެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ މިމޭރުމުން ވާހަކަ ދެއްކެވީ ވާރޭނުވެހުމާއި ހަނަފަސްކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތަހައްމަލް ކުރަމުންގެންދާ އިންޑިޔާގެ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އިންޑިޔާގައި ހަނަފަސްކަން ތަހައްމަލް ކުރާ ސްޓޭޓްތަކުގެ ތެރޭގައި އެޤައުމުގެ އުތުރާއި ހުޅަނގާއި އަދި މެދުތެރޭގެ ސްޓޭޓްތައް ހިމެނެއެވެ. މީގެތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެއް ސްޓޭޓަކީ އިންޑިޔާގެ ހުޅަނގުގެ ސްޓޭޓެއްކަމަށްވާ މަހާރާޝްޓްރާއެވެ.

މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަހާރާޝްޓްރާގެ ޗީފް މިނިސްޓަރ ޑެވެންޑްރަ ފަޑްނަވީސް ވިދާޅުވީ އޭނާގެ ސްޓޭޓްގެ ވިލެޖްތަކުގެ ތެރެއިން 11،000 އަށް ވުރެ ގިނަ ވިލެޖަށް ހަނަފަސްކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންޑިޔާގެ މައިސަރުކާރުން މިކާރިސާއާ ކުރިމަތިލުމަށް އަޅާ ފިޔަވަޅުތައް ލަސްވުމުގެ ސަބަބުން ހަނަފަސްކަމުގެ ގެއްލުން އިތުރަށް ބޮޑުވަމުންދާކަން ފަޑްނަވީސް ފާހަގަ ކުރެއްވިއެވެ. މިބައްދަލުވުމުގައި ވާހަކަ ދެއްކެވި އިންޑިޔާގެ އުއްތުރަ ޕަރްދޭޝްގެ ޗީފް މިނިސްޓަރު އަކީލޭޝް ޔާދޭވް ވެސް ވަނީ ހަނަފަސްކަމުގެ މައްސަލަ ކުރިމަތިވެފައިވާ ސްޓޭޓްތަކަށް އެހީތެރިވުމުގައި އިންޑިޔާގެ މައި ސަރުކާރުގެ ހަރަކާތްތައް ލަސްކަން ފާހަގަ ކުރައްވައި ޝަކުވާ ކުރައްވާފައިވެއެވެ. ޔާދޭވް ވިދާޅުވީ ހަނަފަސްކަމުގެ މައްސަލައިގެ ނުރައްކާތެރިކަން މައިސަރުކާރަށް އެތަށް ފަހަރަކު ދެންނެވިފައިވާނެ ކަމަށާ އޭނާ ހުންނެވީ މިކަމާ ކުރިމަތިލުމަށް މައިސަރުކާރުން ލިބޭނެ އެހީތެރިކަމުގެ އުންމީދުގައި ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ މައިސަރުކާރުގެ ވެރިޔާ އަދި އެޤައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ހަނަފަސްކަމުގެ ކާރިސާ ތަހައްމަލްކުރާ ހުރިހާ ސްޓޭޓްތަކަށް މައިސަރުކާރުން މާލީގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ދަނޑުވެރިކަމަކީ އިންޑިޔާގެ އިގްތިސާދުގެ ގާތްގަނޑަކަށް 15 އިންސައްތަ ހިއްސާކުރާ ސެކްޓަރަކަށްވާއިރު ހޫނުމިން މައްޗަށް ދިޔުމާއި ވާރޭ ނުވެހި 3 މަހެއްހާ ދުވަސްވުމުގެ ސަބަބުން ހަނޑުލާއި ކަފައާއި އެތަށް ބާވަތެއްގެ މޭވާއާއި ތަރުކާރީގެ އުފެއްދުންތައްވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އަދި މިކަމުގެ ސަބަބުން އިންޑިޔާގެ ލައްކައަކަށްވުރެ ގިނަ ވިލެޖްތަށްވަނީ ބޯފެނަށްޖެހިފައެވެ. މިދުވަސްވަރު އިންޑިޔާގެ އުތުރާއި ހުޅަނގާ އަދި މެދުތެރޭގެ ސްޓޭޓްތަކުގެ ގިނަ ސަރަހައްދުތަކުގެ ފިނިހޫނުމިން ވަނީ 40 އާއި 50 ޑިގްރީ ސެލްސިޔަސްއާ ދެމެދުގައި ކަމަށް އެޤައުމުގެ މޫސުމާބެހޭ ރިޕޯޓްތައް ބުނެއެވެ. މިއީ ފާއިތުވި 40 ށް އަހަރު ތެރޭގައި އިންޑިޔާއަށް ކުރިމަތިވެފައިނުވާ ވަރުގެ ދިގުލީ ހަނަފަސްކަމެއް ކަމަށް އެޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.