ޚަބަރު

ޔަހޫދީން ޢުދުވާނާ ގުޅިގެން ރަފަޙުގައި ކާބޯތަކެތި ބެހުން ހުއްޓައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން ހުއްޓައިލައިފިއެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ބުނީ, ރަފަޙުގައި ތިބި ރެފިއުޖީންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަމުގައެވެ.

އެ ޖަމުޢިއްޔާއިން ބުނީ, ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. މި ގޮތުން, ޣައްޒާގައި އދއިން ހިންގާ 24 ޞިއްޙީ މަރުކަޒުގެ ތެރެއިން މި ވަގުތު ޚިދުމަތް ދެނީ އެންމެ ހަތް މަރުކަޒުން ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.

ޔަހޫދީ ފައުޖުގެ ސިފައިން ވަނީ މޭ 7ވަނަ ދުވަހު ރަފަޙަށް އެއްގަމު މަގުން އަރައި, ޢުދުވާން ފުޅާ ކޮށްފައެވެ. އަދި, ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސް, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އެޅިއެވެ. މި ކަމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ވަނީ އިތުރު ނިކަމެތި ކަމާ ކުރިމަތިލާން ޖެހިފައެވެ.

ޔޫއެންއާރްޑަބްލިޔުއޭން ބުނީ, ފާއިތުވި 10 ވަރަކަށް ދުވަހު ޣައްޒާއަށް އެއްވެސް ވަރަކަށް ބޭސްފަރުވާގެ ސާމާނު އެތެރެ ކޮށްފައި ނުވާ ކަމުގައެވެ. އަދި, މި ކަމާ ގުޅިގެން, އެ ޖަމުޢިއްޔާއިން ހިންގާ ޞިއްޙީ މަރުކަޒުތައް ބަންދު ކުރަން ޖެހިފައިވާ ކަމުގައެވެ. ރަފަޙް ސަރަޙައްދީ ހުރަހުގެ އިތުރުން ކާރިމް އަބޫ ސާލިމް ހުރަސް ވެސް ޔަހޫދީ ފައުޖުން ވަނީ ބަންދުކޮށް, އެ ތަނުން ވެސް ޣައްޒާއަށް އެހީގެ ސާމާނާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރަން ހުރަސް އަޅާފައެވެ.

ޔަހޫދީ ފައުޖުގެ ސިފައިން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުގެ އިތުރުން އުތުރުގެ ރަށްތަކުގައި ވެސް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ހަރަކާތްތެރިވަމުންނެވެ. އެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން 800,000އެއްހާ މީހުން ވަޒަން ދޫކޮށް, އެހެން ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރު ކުރުވާފައިވާ ކަމުގައި އދއިން ބުނެއެވެ. މި ޢުދުވާނާ ގުޅިގެން ޣައްޒާގެ އެކި ސަރަޙައްދުތަކުން ވަނީ ކާބޯތަކެތި ހުސްވެފައެވެ. އަދި, އެ ސަހަރުގެ 2.3 މިލިޔަން މީހުންނަށް ވަނީ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,647އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,852އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.