ޚަބަރު

މަސްވެރިކަމުގެ ސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ނަގާ ބޮޑު ޑިއުޓީ: ވަޒީރު


  • ޓޫނާ ކޮންފަރެންސް ކުރިއަށްދިޔައީ ތައިލެންޑުގައި

  • ވަޒީރު ޝިޔާމް ބައިވެރިވެވަޑައިގެންނެވި

  • ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ހުއްޓުވުމަށް ގޮވާލެއްވި

ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި ރާއްޖެ ފަދަ ޤައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުން ނަގަމުންދާ ބޮޑު ޑިއުޓީ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިމަހުގެ 20 އިން 22 އަށް ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަނަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގައުމުތައް ތަމްސީލްކުރާ ވަޒީރުންނާއި، މަސްވެރިކަމުގެ ސިނާޢަތް ތަމްސީލްކުރާ އިސް ފަރާތްތަކާއި ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އޮތް ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް އެކަމަށް އޮތް ހައްލުތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅަން މަޝްވަރާކުރެވާފައިވެއެވެ.


މި އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ މިނިސްޓީރިއަލް އެންޑް އިންޑަސްޓްރީ ހައިލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ވިދާޅުވީ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓިނިވި ގޮތެއްގައި މަސްވެރިކަން ކުރާ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކްސްޕޯޓްކުރާ މަހުގެ ބާވައްތަކަށް ތަރައްޤީވެފައިވާ ޤައުމުތަކުން ނަގާ ބޮޑު ޑިއުޓީ ކަމަށެވެ. މީގެ ސަބަބުން ކުދި ގައުމުތަކުގެ އުޅަނދުފަހަރުން ބާނައި އުފައްދާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުގެ އިންޑަސްޓްރިއަލް އުޅަނދުފަހަރުން ބާނާ މަހާއި ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަ ނުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ނުވަތަ ޓޫނާ ފިޝަރީޒްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެއްވެސް ބެލެހެއްޓުމެއް ނެތި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކުން ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަންކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން ހުއްޓުވުމަށް ރާއްޖެ ފަދަ ކުޑަ ޤައުމަކުން ޚަރަދު ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް އެކަމަށް ހައްލެއް ގެނެވޭނީ ހުރިހާ ޤައުމަކުންވެސް ގުޅިގެން މަސައްކަތް ކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކުރިއަށް ގެންދިޔައީ ތައިލެންޑްގެ ބެންގްކޮކްގައެވެ.