ޚަބަރު

މާބޮޑަށް މޫސުން ގޯސްވެއްޖެނަމަ ފްލައިޓް ގަޑިތަކަށް ބަދަލު އައުން އެކަށީގެންވޭ: އެމްއޭސީއެލް


  • އެމްއޭސީއެލްއިން ބުނީ ފްލަޓް ކެންސަލްވުން ނުވަތަ ޑިލޭވުން އެކަށީގެންވާކަމަށް

  • ގަޑިތައް ރަނގަޅަށް ޗެކް ކުރުމަށްފަހު އެއަރޕޯޓަށް ދިއުމަށް އެދޭ

  • ރާއްޖެ ސަރަޙައްދުގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި

މޫސުން ގޯސްވެ ފްލައިޓް ގަޑިތަކަށް އައިސްދާނެ ބަދަލަކަށް، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއިން އެދިއްޖެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާއި ބޭ އޮފް ބެންގޯލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ހިމެނޭ ސަރަޙައްދުގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްސަކޮށް ވައިގެ ބާރުމިން ވަރަށް ބޮޑަށް ގަދަވެ، މުޅި ރާއްޖެ ހިމެނޭހެން ދަނީ ވިއްސާރަކުރަމުންނެވެ. މެޓުން މިހާރު ނެރެފައިވާ އެލަރޓަށް ބަލާއިރު ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން މާބޮޑަށް ގޯސްވެއްޖެނަމަ، ފްލައިޓް ދަތުރުތަކަށް ބުރޫ އަރާފާނެ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. ފްލައިޓެއް ޑިލޭވެ ނުވަތަ ކެންސަލްވެދާނެ ޙާލަތަކަށް ބަލާ ދަތުރުކުރާ ފަރާތްތަކުން އެއަރޕޯޓަށް ދިއުމުގެ ކުރިން، ގަޑިތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ވަނީ އެދިފައެވެ.

މާބޮޑަށް މޫސުން ގޯސްވެ ގަޑިއަށް އެއަރޕޯޓާ ހަމައަށް ނާދެވިދާނެ ޙާލަތަކަށްބަލާ، ވަގުތު އޮއްވާ ކުރިއާލާ ޗެކިން ގަޑިއަށް ދިއުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. މީގެއިތުރުން ފެރީގައި އެއަރޕޯޓަށް ދަތުރުކުރާ މީހުންވެސް މޫސުންމަށް ސަމާލުވުމަށް އެމްއޭސީއެލްއިން އެދެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 3 ދުވަހުވެސް ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.