ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާ އިން އިންތިޒާމު ކުރާ މުބާރާތެއްގެ ފައިނަލުގެ ޖާގައެއް ފުރަތަމަ ފަހަރަށް ސްޕެއިންގެ ރެއާލް ބެޓިސް އިން ހޯދައިފި އެވެ.
ރެއާލް ބެޓިސްގެ 118 އަހަރު ވީ ދިގު ތާރީޚުގައި އެ ޓީމުން ވަނީ ރޭ އިޓަލީގެ ފިއޮރެންޓީނާ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށް ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 2-1 ގެ ނަތީޖާއަކުން ބެޓިސް އިން ކާމިޔާބު ކުރުމަށްފަހު ރޭ އިޓަލީގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-1 ގެ ނަތީޖާއަކުން ފިއޮރެންޓީނާ މޮޅުވުމާއިއެކު 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން މެޗު އެއްވަރުވެފައިވާތީ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގަ އެވެ.
މެނުއެލް ޕެލެގްރީނީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ރެއާލް ބެޓިސް އިން ވަނީ މި މެޗުގެ 30 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑްއިން މި ސީޒަނުގެ މެދުތެރޭގައި އެ ޓީމާއި ގުޅުނު އެންތޮނީ އެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ރޮބިން ގޮސެންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ އެގްރިގޭޓް ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ މެޗުގެ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އަބްދޭ އެޒަލްޒޫލީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ރެއާލް ބެޓިސް އާއި ދެކޮޅަށް ނިކުންނާނީ ޗެލްސީ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.