ޚަބަރު

މުޖުތަމައުގަ އެހީތެރިކަަމަށް ބޭނުންވާ މީހުންނަށް އެހީތެރިވާ މުވައްޒަފުނަށް ސިލްސިލާ ތަމްރީނުތަކެއް


  • މީއީ ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް

  • ފުރަތަމަ ޕްރޮގްރާމްގައި އެެ ވުޒާރާގެ 3 ޓީމެއް ވަނީ ވައިވެރިވެފައި

މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުން ތަމްރީނުކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ރައްޔިތުންގެ ޙާލަތު ދެނެގަނެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަކީ، އެޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޯގާތެރިކަމާއި، ކުލުނުވެރިކަމާއި، އެހީތެރިވުމުގެ އެދުން އެންމެ ފުރިހަމަ މާނައިގައި އިސްކޮށްގެން ހެޔޮހިތުން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްހެދުމަކީ އެވުޒާރާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމު ހިންގުމުގެ މައިގަނޑު މަޤްޞަދުކަމަށެވެ.

އަދި އަޅާލުން ބޭނުންވާ މީހުންނަށް ޚިދުމަތް ދޭއިރު މުޢާމަލާތުކުރަންވީ ގޮތާއި އެކަމުގައި އަމަލުކުރެވޭނެ ރިވެތި އުސޫލުތަކާއި އާދަތަކަށް އެ ވުޒާރާގެ ޚިދުމަތްތެރިން އަހުލުވެރިކުރުވުންވެސް މިހާރު ކުރިއަށްގެންދާ ތަމްރީނުގައި އިސްކަންދޭނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބައި މިމަހުގެ 13 އިން 18 އަށް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ އެ ވުޒާރާގެ ޕްރިވެންޝަން ޓީމާއި، ސްޓޭޓް ކެއަރ ޓީމް އަދި "ހާލު ކިހިނެއް؟" މި ޕްރޮގްރާމުގައި ބައިވެރިވާ ޓީމެވެ.

ޕްރިވެންޝަން ޓީމަކީ މުޖުތަމަޢުގައި ނޭދެވޭ ކަމެއް ހިނގުމުގެ ކުރިން އެކަމެއް ވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، މުޖުތަމަޢުގައި ހަވާސާކުރެވިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، ބޭނުންވާ އެހީތަކަން ފޯރުކޮށްދޭން ހަރަކާތްތެރިވާ ޓީމެކެވެ. ސްޓޭޓްކެއަރ، ޑިޕާޓްމަންޓަށް މަތިކުރެވިފައިވާ އެންމެ ބޮޑު ޒިންމާއަކީ އަތޮޅުތަކުގައި ހުރި ފެމިލީ ސެންޓަރުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް މެދުކެނޑުމެއް ނެތި ގާތުން ބަލައި، ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ދެ ޓީމުގެ އިތުރުން، ސަރުކާރުން އަލަށް ފަށާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް ބައިވެރިވެފައިވާއިރު، އެ ޕްރޮގްރާމަކީ ގޭގެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ޢާއިލާތަކުގެ ޙާލަތު ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ގޭގެއަށް ޒިޔާރަތްކުރާ ޓީމުތަކުން އެއްކުރާ މަޢުލޫމާތުތަކުގެ އެހީގައި، އެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން އަވަސްކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިދާރީ ޓީމަށްވެސް މުހިންމު ހުނަރުތަކެއް އުނގެނުމުގެ ފުރުޞަތު މިހާރު ފަށާފައިވާ ތަމްރީނު ޕްރޮގްރާމުންވަނީ ފަހިކޮށްދީފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް މުޖުތަމަޢުގައި ހަވާސާވެ ނިކަމެތިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުހިއްމު މަސައްކަތްތަކެއް ރާވައި ހިންގަމުންނެވެ. އޭގެ އިތުރުން އޯގާތެރި ކުލުނުވެރި މުޖުތަމަޢެއް ބިނާކުރުމަށް، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ އެ ވުޒާރާގެ މުވައްޒަފުންނަކީ، އެފަރާތްތަކުން ކުރާ މަސައްކަތަށް އެންމެ ޤާބިލު އަދި ނަތީޖާ ނެރޭ ބަޔަކަށް ހެދުމަށް ތަފާތު ތަމްރީނުތައް ދަނީ ހިންގަމުންނެވެ.