ޚަބަރު

ކުރިއަށް އޮތްތާނގައި ތަރިކައަކީ ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ވެގެންދާނެ: ވަޒީރު


  • އިހުގައި ބޭނުންކޮށް އުޅުނު އާކިޓެކްޗަރއާއި ވަޑާމުގެ އުކުޅުތަކަށް އަލިއަޅުއްވާލެއްްވި

  • އިހުގައި ބޭނުން ކުރެވުނު ގޮނޑިތަކުގެ ތާރީޚާއި ވައްޓަފާޅިއަށް ޢިލްމީ ނަޒަރަކުން ބަލާލި

ކުރިއަތް އޮތްތާނގައި ތަރިކައަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ, ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ވާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރުމަށް "ޒަމާންތަކުގެ ތެރެއިން ގޮނޑި" މި މައުޟޫޢުގެ ދަށުން ޤައުމީ ދާރުލްއާސާރުގައި ބޭއްވި ދަރެހުގައި ވާހަކަދައްކަވަމުންނެއެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަހުގެ ޝިޢާރެއްގެގޮތުގައި ކަނޑައަޅައިފައި ވަނީ "ތަޢުލީމާއި ދިރާސާއަށްޓަކައި ދާރުލްއާސާރު"، މި ޝިޢާރެވެ. މި ޝިޢާރުގެ މަގުސަދަކީ ދާރުލްއާސާރުތަކުގެ ތެރެއިން އިލްމު އުނގެނެވޭނެ ގޮތްތައް ހޯދުމާއި އެކަމަށް ހިތްވަރު ދިނުމެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން, ކުރިއަށް އޮތްތަނުގައި މި ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި, ގެނެވޭ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ, ތަރިކަ އަކީ ދިވެހީން އެއާއެކީ ދިރިއުޅޭ އެއްޗަކަށްވެ, ދިވެހީންގެ ދިރިއުޅުމުގެ ބަޔަކަށް ތަރިކަ ވެގެން ދިޔުންކަމަށެވެ.

ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރުމަށް ބޭއްވުނު މި ދަރެހަކީ ޤައުމީ ދާރުލްއާސާރާއި އާކިޓެކްޓް އެސޯސިއޭޝަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާއި، އޮޑިމޯ، އެޓޯލްސްކޭޕް އަދި ޑޮސައިން ގުޅިގެން އިންތިޒާމުކުރި ދަރެހެކެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ މި ދަރެހުގައި ވަނީ އިހުގައި ބޭނުން ކުރެވުނު ގޮނޑިތަކުގެ ތާރީޚާއި ވައްޓަފާޅިއަށް ޢިލްމީ ނަޒަރަކުން އަލިއަޅުވާލައިފައިކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނު އާކިޓެކްޗަރއާއި ވަޑާމުގެ އުކުޅުތަކަށް ފަންނީ ގޮތުން އަލިއަޅުވާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަރެހުގެ އިތުރުން ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ދާރުލްއާސާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެތެރެއިން، ދާރުލްއާސާރު ހުޅުވާފައި ހުންނަ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މި މޭ މަހުގެ 19 އިން 23 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން އިރުއޮއްސި 06:00 އަށް ދާރުލްއާސާރު ހުޅުވިފައި ހުންނާނެއެވެ. އަދި މި މުއްދަތުގައި ޤައުމީ ދާރުލްއާސާރުގައި އިތުރު އިންޓަރެކްޓިވް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.