ޚަބަރު

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ރ. އަލިފުއްޓަށް


  • އަލިފުއްޓަށް 40.4 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އަލިފުއްޓަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ދުވަސްވަރުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން އާދިއްތަ ދުވަހުގެ ހެނދުނު 8 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އަލިފުއްޓަށެވެ. އެއީ 40.4 މިލިމީޓަރުގެ ވާރޭއެވެ.

2 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށެވެ. އެއީ 40.1 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ ހދ. މަކުނުދޫއަށެވެ. އެއީ 37.9 މިލިމީޓަރުގެ ވާރޭއެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު މުޅި ރާއްޖެއަށްވެސް ވަނީ ވާރޭ ވެހިފައެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ އަންނަ ބުދަ ނުވަތަ ބުރާސްފަތި ހިސާބުގައެވެ.