ޚަބަރު

ޖުލައި އަދި އޮގަސްޓްމަހު ޗައިނާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ: ސަފީރު


  • ޗައިނާގެ ދަރިވަރުން ސްކޫލް ޗުއްޓީއާ ދިމާވާނީ ޖުލައިމަހާއި އޮގަސްޓްމަހު

  • އަހަރުގެ މިހާތަނަށް 92000 އަށްވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކޮށްފައިވޭ

ކުރިއަށް އޮތް ޖުލައި އަދި އޮގަސްޓްމަހު ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައި މިވަނީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާ އެމްބަސީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިން ވިދާޅުވީ މިހާރުވެސް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަށްވާއިރު، ކުރިއަށް އޮތް ޗައިނާގެ ޗުއްޓީ ދުވަސްވަރު ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އިތުރުވާނެކަމަށެވެ،

"މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް ޗައިނާގެ 87466 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ. މިއީ ރާއްޖޭގެ މާކެޓު ޝެއަރގެ 11 އިންސައްތަ." ވަންގ ލިޒިން ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ކުރިއަށް އޮތް ޖުލައިމަހާއި އޮގަސްޓްމަހަކީ ޗައިނާގެ ގިނަ ދަރިވަރުންނަށް ސްކޫލް ޗުއްޓީއާ ދިމާވާ ދުވަސްވަރުކަމުން، ޗުއްޓީއާ ދިމާކޮށް ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާނެކަމަށެވެ. އެގޮތުން ޖުލައި އަދި އޮގަސްޓްމަހު ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ސަފީރު ވިދާޅުވީ މިމަހުގެ ފަހު ކޮޅު ޗައިނާގައި އޮންނަ އައިޓީބީ ޗައިނާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ފެއަރ އޮންނަނީ ޗައިނާގެ ޗުއްޓީ ދުވަސްވަރުގެ ކުރިންކަމަށްވާތީ، މިއީ އެމްއެމްޕީއާރުސީއަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ޗައިނާ ސަފީރު ސިފަކުރެއްވިއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 92000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތައެވެ.