އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް - އައި.ޖީ.އެމް.އެޗްގައި ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރައްވައި ފުޅާކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އައި.ޖީ.އެމްއެޗްގެ ޚިދުމަތް ލިބިގަންނަ މީހުންނަށް ފަސޭހައިން ތިބޭވޭނެ އިންތިޒާމްވެސް އެހޮސްޕިޓަލުން ގެންދަނީ ކުރައްވަމުންނެވެ.
އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަކީ ރާއްޖޭގައި މިވަގުތު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުން ގެންދަވާ އެންމެބޮޑު ހޮސްޕިޓަލެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަބަޔަކު މި ހޮސްޕިޓަލަށް ޒިޔާރަތްކޮށް، ޚިދުމަތް ހޯދަމުން ގެންދެއެވެ. މި ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދެއްވުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ ޕްރޮޖެކްޓްތަކެއް އެ ހޮސްޕިޓަލްގައި ގެންދަވަނީ ހިންގަވަމުންނެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން ކުރިޔަށްގެންދަވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވީ ހޮސްޕިޓަލްގެ އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންގެ ބޭނުންތަކަށް ރަނގަޅު ފެންވަރުގެ ފާޚާނާތަކެއް ހެދުމާއި އަދި މިހާރު ހުރި ފާޚާނާތައް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން ހޮސްޕިޓަލުން ފަރުވާހޯދަން ދާ މީހުންގެ ކެއިންބުއިމުގެ އިންތިޒާމް ފަސޭހަކޮށްދެއްވުމަށްޓަކައި ކެފޭގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށްވެސް އައިޖީއެމްއެޗުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމް އެހޮސްޕިޓަލްގެ ހުރިހާ ދިމާއެއްގައި ހަމަޖެއްސެވުމަށްޓަކައިވެސް އައިޖީއެމްއެޗުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ލެބޯރަޓަރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައަށް މިހާރު ވަނީ ވެއިޓިންގ އޭރިޔާ ބޮޑުކުރައްވައި، ފަސޭހައިން ތިބެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައެވެ. އައި.ޖީއެމް.އެޗުން ބޭނުންވަނީ ހޮސްޕިޓަލްގެ ޚިދުމަތްހޯދާ މީހުން މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިންގ އޭރިޔާތަކެއް ހެއްދެވުމަށް ކަމަށާއި އެގޮތުން ހޮސްޕިޓަލްގެ މެއިން ވެރިޓިންގ އޭރިޔާ ތަރައްޤީކުރެއްވުމަށް ޕްލޭން ކުރައްވައި، މަސައްކަތް ކުރަވަމުން ގެންދަވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. މީގެ އިތުރުންވެސް ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.