ޚަބަރު

މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ: މެޓް އޮފީސް


  • ބޯކޮށް ވާރޭ ވެހި ވައި ގަދަވެ ގުގުރާނެ

  • އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކުރި ގދ. ތިނަދޫއަށް

  • މިހާރު ކުރަމުންދާ ވިއްސާރަ، ފަސްދުވަހަށް ދެމިގެންދާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، އުދައަރާފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވެ، ރައްކާތެރިވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައި ގަދަވެ ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމާއި ގުޅިގެން ކުރާ ވިއްސާރަ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. ވޭތުވެދިޔަ 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވިއްސާރަކޮށްފައިވާއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކުރެވިފައިވަނީ ގދ. ތިނަދޫ އަށެވެ. އެގޮތުން އެރަށަށް 18.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނަ އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެރަށަށް ވަނީ 17.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދ ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު ކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.

މޫސުން ގޯސްވާ ވަގުތު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށާއި، ވައިގަދަވެ އުދަ އެރުން ފަދަ ކަންކަމުން ގެއްލުން ލިބޭގޮތަށް ހުރި ތަންތަނަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރަ، 5 ދުވަހަށް ދެމިގެންދާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.