ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވެ، ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ މި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އުމުރުން 16 އަހަރުގެ ދީމާ، މި ކާމިޔާބީ ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަންނަ ޖުލައި މަހުގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ އޮލިމްޕިކްސްގައި ދީމާ ދިވެހި ދިދަ އުފުލާނީ، ކޮލިފައިންގައި ކުޅެ، ޗެމްޕިއަންކަން ހޯދައި ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ގޮތުގައެވެ.
"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްވަކަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަޙްމަދު ސައީދު (ތަމޫ) ވިދާޅުވީ ދީމާގެ ކާމިޔާބު ތަފާތުވެ، ޚާއްސަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިން ކޮލިފިކޭޝަނުގައި ވާދަކޮށްފައިވަނީ ދެ ގޮތަކަށްކަން ފާހަގަކުރައްވަމުން ތަމޫ ވިދާޅުވީ ރާއްޖެއިން މީގެ ކުރިން ވާދަކުރަނީ "ޔުނިވަރސަލިޓީ ޕްލޭސް" އަދި "ޓްރައިޕާޓައިޓް އިންވިޓޭޝަނަލް" ގައި ކަމަށެވެ. އަދި މި ފަހަރު އޮލިމްޕިކްސްގައިވެސް އެގޮތަށް ދިވެހި އެތުލީޓުން ވާދަކުރާނެކަމަށްވެސް ވިދާޅުވިއެވެ.
ދީމާގެ ކާމިޔާބީ ފާހަގަކޮށް އެމްއޯސީން ނެރުނު ނޫސްބަޔާނެއްގައި އެ ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވީ މި ކާމިޔާބީއަކީ ކުރުމުއްދަތެއްގެ ތެރޭގައި ދީމާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މި ކާމިޔާބީގައި ދީމާގެ އާއިލާ އާއި ކޯޗު ޒުވޮނިމީރް ކޮރެނިޗް އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިއްސާ ބޮޑުކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިން އޮލިމްޕިކްސްގައި ވާދަކުރަނީ ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް) ގެ ފުރުސަތުގައެވެ. އެ ގޮތުން 1988 ވަނަ އަހަރުން ފެށިގެން، އެތުލެޓިކްސް އާއި ފެތުން އަދި ބެޑްމިންޓަނުން ރާއްޖެއަށް ލިބޭ އިންވިޓޭޝަނަލް ފުރުސަތުތަކުގައި، އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން 2012 ވަަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު ވާދަކުރިއިރު، އެންމެ ފަހުން ބޭއްވި ޓޯކިއޯ އޮލިމްޕިކްސް އާއި މި ފަހަރުގެ އޮލިމްޕިކްސްގައި އިންވިޓޭޝަނަލް ފުރުސަތުގައި ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ ވާދަކުރާނެއެވެ.
އޮލިމްޕިކްސް ކޮލިފައިން ސީރީސްތަކުގައި އެކި ކުޅިވަރުތަކުން ރާއްޖޭގެ އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ. އަދި އެ މުބާރާތްތަކުން ލިބޭ ޕޮއިންޓުތަކާއެކު, އެ ކުޅުންތެރިންގެ ރޭންކިންގައި ކުރިއެރުންވެސް އަންނަނީ ހޯދަމުންނެވެ. ޓްރައިޕާޓައިޓް އިންވިޓޭޝަން ލިބޭ ކުޅުންތެރިންނަށް އެ ފުރުސަތު ލިބެނީ މި ޕޮއިންޓުތަކަށް ބެލުމަށްފަހުގައެވެ.