ވިޔަފާރި

ބީއެމްއެލްގެ އަހަރީ ޢާންމު ޖަލްސާ މިމަހުގެ 28ވަނަ ދުވަހު ބާއްވަނީ


ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވާ ޙިއްޞާދާރުން ރަޖިސްޓްރީކުރުން މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 7:15 އިން 7:50 އަށް ކުރުނބާ މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަހަރީ ޢާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ހިސާބުތައް ފާސްކުރުމާއި ޙިއްޞާގެ ފައިދާއަށް ބަހާނެ މިންވަރު ފާސްކުރުމާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން އޮންނާނެއެވެ.

މިދިޔަ އަހަރުގެ ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 932 މިލިއަން ރުފިޔާ ލިބި، ކޮންމެ ޙިއްޞާއަކަށް 17 ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް ބޭންކުން ވަނީ، ފައިދާ 90 ޕަސެންޓް އިތުރުކޮށް 281 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދާފައެވެ.