ޚަބަރު

މާލެ ސަރަޙައްދުގައި ވެމްކޯއިން ނަގާ ގޭޓްފީ ކުޑަކޮށްފި


  • ގޭޓްފީގެ ގޮތުގައި ނަގާ އަދަދު 500 ރުފިޔާއަށް ވަނީ ކުޑަކޮށްފައި

  • އެންމެކުރިން ނަގަމުންދިޔައީ ޓަނަކަށް 1060 ރުފިޔާ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ގޭޓްފީ 500 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ވަނީ އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުޞޫލުން ކުނިއުފުލުމުގެ ޚިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ، މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ ޓަނަކުން 750 ރުފިޔާ އެވެ.

މީގެ އިތުރުން، ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150 ރުފިޔާގެ ގޭޓް ފީ ވެސް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ. އަދި މާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ޤާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ރިޢާޔަތްކޮށް އަގު ނެގުން ހުއްޓާލާފައިވާ ކަމަށްވެސް ވެމްކޯ ވަނީ ބުނެފައެވެ.

މިއީ މިސަރުކާރުން ގޭޓްފީ ކުޑަކުރެއްވި ތިން ވަނަ ފަހަރެވެ. ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެވަޑައިގެންނެވި ވަޢުދާއެއްގޮތަށް މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ 1060 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރީ މިދިޔަ މާޗުމަހުން ފެށިގެންނެވެ. އޭގެ ފަހުން އެއަދަދަދު 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ މާޗް މަހު އިއުލާންކުރައްވާފައެވެ.