ވިޔަފާރި

ޓީ-ބިލް ދޫކުރި ޢަދަދު އަހަރު ދުވަހުގެތެރޭ %32 އިތުރުވެއްޖެ


ސަރުކާރުން ދޫކުރައްވާ ޓީ-ބިލަށް ރާއްޖޭގެ ވިޔަފާރި ބޭންކްތަކުން އިންވެސްޓްކުރި ޢަދަދު އަހަރު ދުވަހުގެ ތެރޭގައި ތިރީސް ދޭއް އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

އެމްއެމްއޭއިން ޢާންމުކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރު ދުވަހަށް ވިޔަފާރި ބޭންކްތަކާއި އެހެނިހެން ފަރާތްތަކުން ޓީ-ބިލަށް އިންވެސްޓްކުރި ޢަދަދު ވަނީ 14 އިންސައްތަ އިތުރުވެފައެވެ. އަދި ވިޔަފާރި ބޭންކްތަކުން ޓީބިލަށް އިންވެސްޓްކުރި ޢަދަދު ވަނީ 32 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު ނެރުއްވާ އިޤްތިޞާދީ ރިވިއުގައިވާގޮތުން މާރޗް މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސެވުމަށް ދޫކުރައްވާފައިވާ ޓީ-ބިލާއި ޓީ- ބޮންޑުގެ ގޮތުގައި ނުދައްކާ 20.3 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މި އަދަދު ވަނީ އަހަރު ދުވަހަށް ބަލާއިރު 14 އިންސައްތަ އިތުރުވެފައެވެ. އަދި މަހުންމަހަށް ބަލާއިރު މި އަދަދު ވަނީ 2 އިންސައްތަ މައްޗަށް ގޮސްފައެވެ.