ޚަބަރު

ދީމާ ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ބޮޑު ފަހުރެއް: ރައީސް


  • ދީމާއަކީ އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު

ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ހައިސިއްޔަތުން ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ޤައުމު ފަހުރުވެރިކޮށްދީފިކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ މިއަހަރު ފްރާންސްގެ ޕެރިސްގައި ބާއްވާ އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވުމާއި ގުޅިގެން މަރުހަބާ ދަންނަވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ދީމާއަށް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ދީމާގެ ހިއްވަރާއި މޮޅުކުޅުމުގެ ސަބަބުން ހޯދި ކާމިޔާބީއާއެކު ޤައުމު މިއަދު ފަހުރުވެރިވާކަމަށެވެ. އަދި ޕެރިސްގައި ބާއްވާ އޮލިމްޕިކްސްގައިވެސް ދީމާއަށް ފުރިހަމައަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ދިވެހި އެތުލީޓް ފާޠިމަތު ދީމާ ޢަލީގެ މި ތާރީޚީ ކާމިޔާބީއަށް މަރްޙަބާ ވިދާޅުވެ، ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިތްވަރުދެއްވާފައެވެ.

ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއާ ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ޙާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅިރާއްޖެ ފަޚުރުވެރިވާކަން ފާހަގަކުރެއްވިއެވެ.

އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ފާޠިމަތު ދީމާ ޢަލީއަށް މި ލިބުނު ފުރުޞަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ދެއްވައިފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމަށް ލިބުނު މި ފަޚުރުވެރި ކާމިޔާބީއަކީ ދީމާއާއި އާއިލާގެ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ކުރި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާކަމަށެވެ.


ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައިގެނެވެ. މިއީ ރާއްޖެއިން އޮލިމްޕިކްސްގައި ވާދަ ކުރުމަށް ކުޅިވަރު އެތުލީޓަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ.

މީގެކުރިން ރާއްޖެއަށް މުޅިންވެސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް ފުރުސަތެއްގެ ތެރެއިންނެވެ.