ޚަބަރު

ޢުމްރާ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގަންނަވައިފި


  • މިއީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާން ދާރީގައި ކުރެެއްވި ޢުމްރާ ދަތުރުފުޅެއް

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރެެއްވި ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ސަރުކާރުގެ އިސްވެރިންނެވެ.

މި މަހުގެ 10ން 15ށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ ޢާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާޞިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަދީނާގައި ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ދަރިވަރުން ބޭނުންވާ ކަންކަން ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދަރިވަރުންނަށް ދެއްވާފައެވެ.