މިއަހަރު ރާއްޖެއިން ހައްޖަށްދާ ކޮންމެ މީހަކަށްވެސް ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދޭނަކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޙައްޖު ކޯޕަރެޝަނުން މީގެ ކުރިންވެސް ވަނީ ޙައްޖަށްދާ ބައެއް މީހުންގެ ގެއްލޭ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެފަދަ ޓްރެކިން ޑިވައިސްއެއް ދީފައެވެ. އެހެންނަމަވެސް އޭރު ދީފައިވަނީ އެފަދަ ޑިވައިސް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ހައްޖަށް ގޮސް އުޅުމުގެ ތެރޭގައި ހައްޖާޖީއަކަށް މަގު އޮޅުން ފަދަ ހާލަތެއް ދިމާވެއްޖެނަމަ، ހަވާލުކޮށްފައިވާ ޓްރެކިން ޑިވައިސް މެދުވެރިކޮށް ގެއްލިފައިވާކަން ދެނެގަނެވޭނެ ކަމަށެވެ. މިގޮތުން، އެ ޓްރެކިން ޑިވައިސްގެ އެހީގައި، ގެއްލޭ ހައްޖާޖީން ތިބޭ ތަން ވަގުތުން އެ ކޯޕަރޭޝަނަށް ދެނެގަނޭވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. ހައްޖު ކޯޕަރޭޝަނުން ޙައްޖުވެރިންނަށް ޓްރެކިން ޑިވައިސްއެއް ދިނުމަށް ނިންމާފައިވަނީ މިއަހަރަކީ 1000 ޙައްޖުވެރިން އެ ކޯޕަރޭޝަނުން ގެންދާތީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
"ބައެއް ބޭފުޅުންނަކީ އެތަނަށް ފަރިތަ ބޭފުޅުން ކަމަށް ވިޔަސް، އިސް ބޭފުޅުންނަށް ދަންނަވާފައި ވަޑައިގަންނަވާށޭ. އުމްރާގެ އަޅުކަމުގައި ތަކުރާރުކޮށް ގޮސްފައިވާ ފަރާތްތަކަށް ސައުދީ އަރަބިއާގެ ބައެއް ސަރަހައްދުތަކަށް ވަރަށް ފަރިތަވާނެ. އެހެންނަމަވެސް، އެތައް މިލިއަން ބަޔަކު އެހެން އެއްތަނަކަށް ޖަމާވެގެން އުޅޭއިރު ބައެއް ފަހަރު މަގު އޮޅޭގޮތް ވާނެ." ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޙައްޖު މޫސުމަކީ އެހެން މަސްތަކާއި އަޅާބަލާއިރު މައްކާގެ ޙަރަމްފުޅުގައިވެސް މީހުން އެތައް ގުނައަކަށް އިތުރުވާ މޫސުމެކެވެ. އެހެންކަމުން މީހުން ގެއްލޭ މައްސަލަތަކަކީ މީގެ ކުރިންވެސް ފެންމަތިވާ މައްސަލަތަކެވެ. ޚާއްސަގޮތެއްގައި ޙައްޖަށް ދާ އުމުރުން ދުވަސްވީ މީހުން ގެއްލުމަށްފަހު ނުފެނި ގިނަ އިރު ހޭދަވައެވެ.
މިއަހަރު ރާއްޖެއަށް ލިބުނު 1000 ކޯޓާގައި ދިވެހި ހައްޖުވެރިން ހައްޖަށް ގެންދަނީ ހަމައެކަނި ޙައްޖު ކޯޕަރޭޝަނުންނެވެ. އެހެންކަމުން ޙައްޖު ކޯޕަރޭޝަނުން ގެންދަނީ ފުރިހަމަ ޚިދުމަތެއް ދިނުމަށް ތައްޔާރުވަމުންނެވެ. ޝަކީލް ވިދާޅުވީ ދަތުރުގައި އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ ސިއްޙީ ޚިދުމަތް ބޭނުންވާނެ ފަރާތްތަކަށް އެޙިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން މިފަހަރުގެ ޙައްޖު ދަތުރުގައި ރާއްޖެއިން 05 ޑޮކްޓަރުންނާއި 05 ނަރުހުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަސޭހައިން އެއަޕޯޓަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ހައްޖު ކޯޕަރެޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް ވިދާޅުވީ 1000 ކޯޓާގެ އިތުރުންވެސް އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށާއި، އިތުރު ކޯޓާ ލިބިއްޖެ ނަމަ ލިބުނު ވަރަކުން، ވެއިޓިން ލިސްޓު ތަރުތީބުން ފުރުޞަތު ދޭނެކަމަށެވެ. އަދި އިތުރު މީހުން ޙައްޖަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރާ މީހުންގެ ތެރޭގައި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފުރަތަމަ ފަހަރަށް 50 ފަޤީރުންވެސް ހިމެނެއެވެ.