ޚަބަރު

އާއިލާތަކުގެ ދުވަސް: މުޖުތަމައުގެ ކުރިއެރުމަށް ޢާއިލީ ގުޅުން ބަދަހިކުރުން މުހިއްމު


  • މިއަދަކީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

  • މި އަހަރުގެ ޝިއާރަކީ "މޫސުމީ ބަދަލުތަކާއި ގުޅިގެން ޢާއިލާތަކަށް ކުރާ އަސަރު"

މުޖުތަމައެއްގެ ހަމަޖެހުމާއި ކުރިއެރުމަށް އާއިލާތަކުގެ ތެރޭގައި އޮންނަ ގުޅުން މުހިއްމު ދައުރެއް އަދާކުރެއެވެ. އާއިލީގުޅުން ވަރުގަދަކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް މޭމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެގޮތުގައެވެ.

އާއިލީ މައްސަލަތަކަށް އިސްކަންދީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުން ފެށިގެންނެވެ. އދ. އިން މިފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމީ ޤައުމުތަކަށް އަންނަމުންދާ އިޤްތިސާދީ އަދި އިޖްތިމާއީ ބަދަލުތަކާއި ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވި މި އަންނަމުންދާ ބަދަލުތަކަށް ޤައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.

އާއިލާތަކުގެ ދުވަސް ފާހަގަކުރާތާ 30 އަހަރު މިއަހަރު ފުރޭއިރު، މި ދުވަހަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. އެގޮތުން މިއީ ބައެއް ޤައުމުތަކުގައި ރަސްމީ ބަންދު ދުވަހެއްގެގޮތުގައި ކަނޑައަޅާފައި އޮންނަ ދުވަހެކެވެ.

ރާއްޖޭގެ މުޖުތަމައުއަށް ބަލާއިރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް ގިނަ މަސައްކަތަކެއް ކުރައްވަމުންނެވެ. އެގޮތުން މިކަމަށް ހާއްސަ ވުޒާރާއެއް އުފައްދާފައިވުމަކީވެސް ސަރުކާރުން މިކަމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވާކަމެކެވެ.

އާއިލާތަކުގެ ދުވަހެއް ރާއްޖެއަށް މުހިއްމުވާ ސަބަބުތަކާއި ގުޅޭގޮތުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އިބްރާޙިމް އިސްމާޢިލް ވިދާޅުވީ ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާއިރު، އިޖްތިމާއީގޮތުން އައިސްފައިވާ ކުރިއެރުންތައް ކުޑަކަމަށެވެ.

"ޤައުމު ތަރައްޤީވެގެން އައި އިރު، ސޯޝަލީ ތަރައްޤީވާންވީ ވަރަކަށް އެކަން ނުވޭ، މިއީ ކުޑަކުޑަ ޤައުމެއް، ޤައުމު ބޭރަށް ހުޅުވުމާއި ގުޅިގެން ނުފޫޒްތައް އައިސްފައިވޭ،" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި ވަރި އެންމެ ގިނަ އެއް ޤައުމެވެ. މިއީވެސް އާއިލީ ތަރައްޤީ އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާން ވަނީ އެކި ކަހަލަ މައްސަލަތައް ޖެހި އާއިލާތައް ރޫޅޭ ހާލަތެއް މެދުވެރިވީ ނަމަވެސް ދަރިންނާއި އޮންނަ ގުޅުންތައް ދެމެހެއްޓުން މުހިއްމުކަން ފާހަގަކޮށްފައެވެ.

"އާއިލާ ރޫޅުނު ކަމުގައިވިޔަސް އާއިލީ ގުޅުން ބަހައްޓަންވާނެ، ކުދިންނާއި މައިންބަދައިންނާއި އޮންނަ ގުޅުންތައް ދެމެހެއްޓުން ވަރަށް މުހިއްމު،" ޒުހުރުބާން ވިދާޅުވިއެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގެ ޝިއާރަކީ "މޫސުމީ ބަދަލުތަކާއި ގުޅިގެން ޢާއިލާތަކަށް ކުރާ އަސަރު" އެވެ. މި ޝިއާރުގެ ބޭނުމަކީ މޫސުމީ ބަދަލުތަކާއި އެކު އާއިލާތަކަށް ކުރަމުންދާ އަސަރުތަކަށް ޤައުމުތައް ހޭލުންތެރިކުރުވުމެވެ. .