ޚަބަރު

މާރިޗުމަހާއި އަޅާބަލާއިރު އެޕްރީލްމަހު ޑެންގީ ކޭސްތައް އިތުރުވެއްޖެ


  • މިއަހަރު އެޕްރީލް މަހު 244 ކޭސް ރިޕޯޓުކޮށްފައިވޭ

  • މާރިޗު މަހު ރިޕޯޓުކޮށްފައިވަނީ 119 ކޭސް

މިއަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޑެންގީ ކޭސްތައް އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ރޯގާގެ ގޮތުގައި ރާއްޖޭގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ބަޔާން ކުރާ އެޗްޕީއޭގެ ރިޕޯޓުގައިވާ ގޮތުގައި އެޕްރީލްމަހު ޑެންގީގެ 244 ކޭސްއެއް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ މިދިޔަ މާރިޗު މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މާރިޗު މަހު ޑެންގީއަށް ރިޕޯޓުކޮށްފައިވަނީ 119 ކޭސްއެވެ.

މިއަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު ޑެންގީ ކޭސްތައް އިތުރުވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާބަލާއިރު މިއަހަރު ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު މަދެވެ. އެގޮތުން މިދިޔަ އަހަރު އެޕްރީލް މަހު 330 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު މާރިޗު މަހު ރިޕޯޓުކޮށްފައިވަނީ 229 ޑެންގީ ކޭސްއެވެ. އެހެން ކަމުން މިދިޔަ އަހަރުގެ މާރިޗު އަދި އެޕްރީލް މަހާއި އަޅައި ބަލާއިރު މިއަހަރު ރިޕޯޓް ކޮށްފައިވާ ޑެންގީ ކޭސްތައް މަދެވެ.

ޑެންގީއަކީ އީޑީޒް މަދިރިން ޖައްސާ، ނުރައްކާތެރި ހުމެކެވެ. މިބަލި ފެތުރެނީ ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށްފަހު އެ މިމަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުން އެމީހެއްގެ ގަޔަށް ބަލީހެ ވައިރަސް އެރުމުންނެވެ.

ޑެންގީ ޖެހޭ މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ އެންމެ 25 ޕަސެންޓް މީހުންގެ ކިބައިންނެވެ. ޑެންގީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާ ގަދައަށް ބޮލުގަ ރިއްސުމާ މަސްތަކާ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ޑެންގީ ހުން ޖެހި ސީރިއަސް އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުން ލޭ އައުމާ ނޭވާލާން ދަތިވުމާ އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ހިމެނެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ފެން ހަރުލާ ތަކެތި ގޯތި ތެރެއަށާއި މަގުމައްޗަށް އުކާނުލައި އެފަދަ ތަކެތި ނައްތާލައި މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށް ސަމާލުވުމަށް އެޗްޕީއޭއިން ބާރުއަޅުއްވައެވެ.

ބަލި ޖެހިއްޖެނަމަ ބަލިން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.