ޚަބަރު

ރައީސް މުއިއްޒުގެ ޒައާމަތުގައި ފަލަސްތީނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ: އާދަމް ނަސީރު


  • މި ބައްދަލުވުން އޮތީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި

  • ފަލަސްތީނުގެ ސަގާފަތާއިބެހޭ ވަޒީރު ވަނީ ދިވެހިން ބާއްވަމުން ގެންދަވާ ގުޅުމަށް ޝުކުރު އަދާކޮށްފައި

ފަލަސްތީނާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ދާނީ އިތުރަށް ހަރުދަނާ ވެގެންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަސީރު މިހެން ވިދާޅުވީ، އަޒަރުބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު ޢިމާދު ޢަބްދުﷲ ޙަމްދާންއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ބޭއްވި މި ބައްދަލުވުމުގައި ފަލަސްތީނުގެ ސަގާފަތާއި ބެހޭ ވަޒީރު ޢިމާދު ޢަބްދުﷲ ޙަމްދާން ވަނީ ރާއްޖެއިން ފަލަސްތީނާއި މެދު ބާއްވަމުންދާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާ ރާއްޖޭގެ މަންދޫބަކާއި ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ފަލަސްތީނަކީ އ.ދގެ ދާއީމީ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް ފާސްކުރުމާ ގުޅިގެން ދިވެހީންގެ ފަރާތުން ފަލަސްތީނުގެ ސަގާފަތާ ބެހޭ ވަޒީރު އިމާދަށާއި އެ ޤައުމުގެ ރައްޔިތުންނަށް ވަޒީރު ތަހުނީޔާ ދެންނެވިއެވެ. އަދި ފަލަސްތީނާމެދު ޒަމާނުއްސުރެ އޮތް ގާތް ކަމަކީ ހުރިހާ ދިވެހީންވެސް ހިއްސާ ކުރާ ގާތް ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއާއި ފަލަސްޠީނާ ދެމެދު އޮތް ގާތްކަމާއި ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނައިސް އިތުރަށް ހަރުދަނާވެގެން ދާނެ ކަމުގެ ޔަގީންކަން ވަޒީރު އާދަމް ނަސީރު ވަނީ ފަލަސްތީނުގެ ސަޤާފަތާއި ބެހޭ ވަޒީރަށް އަރުވާފައެވެ.

މީގެއިތުރުން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް ދިވެހި ދައުލަތުން ފުރިހަމަ އިޖާބައާއި އެއްބާރުލުން ދެއްވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ އިސްލާމިކް ވޯރލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަޒަރްބައިޖާނުގެ ޝޫޝާ ސިޓީގައި އޮތް "ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމްއެވެ.