ދުނިޔެ

ޙަލަބްގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުން


ސޫރިޔާގެ އުތުރުގެ ސިޓީއެއްކަމަށްވާ ޙަލަބްގައި ހިނގަމުންދާ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެން ސަޢޫދީ ޢަރަބިޔާއިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

ސަޢޫދީ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރު ވިދާޅުވީ ޙަލަބްގެ ޙަމަލާތައް ހުއްޓާލާފައިވާތީ އުފާކުރައްވާ ކަމަށާ މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ޙަލަބްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެސިޓީގެ އާންމުން ގިނަ ޢަދަދަކަށް މަރުވެ ގިނަ ބަޔަލު ޙާލުގައިޖެހި އިންސާނީ ކާރިޘާއެއް ކުރިމަތިވެފައިވާތީ ސޫރިޔާ ސަރުކާރާއި އިދިކޮޅު ޖަމާޢަތްތަކުންވަނީ ޙަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް މިދިޔަ ބުދަދުވަހު އެއްބަސްވެ އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައެވެ.

މިއާއެކު ޙަލަބްއަށް ހިމޭންކަން އައިސްފައި ވީނަމަވެސް ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރާނީ އެންމެ 48 ގަޑިއިރަށް ކަމަށް ސޫރިޔާ ސަރުކާރުން ބުނާތީ އެސިޓީގައި އަލުން ހަނގުރާމަ ފެށިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ޙަލަބްގެ ހަނގުރާމަ ވަގުތީގޮތުން މެދުކެނޑިފައިވަނީ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއާއި ރަޝިޔާ ގުޅިގެން ކުރި މަސައްކަތްތަކަކާ ގުޅިގެންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޙަލަބް ހިމެނުމަށް އެމެރިކާއާއި ރަޝިޔާ އެއްބަސްވީ ޙަލަބްއާއި އެސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ހިނގާ ލޭއޮހޮރުވުންތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.