ދުނިޔެ

އިދްލިބްއަށް ދިން ވައިގެ ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ


ސޫރިޔާގެ އުތުރުގެ ޕްރޮވިންސެއްކަމަށްވާ އިދްލިބްގެ ރެފިއުޖީ ކޭންޕަކަށް ދިން ވައިގެ ހަމަލާތަކެއްގައި އަށާވީސްމީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމްއިއްޔާ އެއް ކަމަށްވާ "ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނީ މިޙަމަލާގައި މަރުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން ގިނަ މީހުންގެ ހާލަތު ވަނީ ފުރާނައަށް ނުރައްކާ ހިސާބުގައި ކަމަށްވެސް އެޖަމްއިއްޔާއިން ބުނެއެވެ. މިޙަމަލާތައް ދިނީ ސޫރިޔާ ގެ ވައިގެ ސިފައިންކަން ނޫނީ ސޫރިޔާގައި ހަރަކާތްތެރިވާ ރަޝިޔާގެ ސިފައިންކަން ސާފުވެފައެއްނުވެއެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ މިއީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތްލުއާންމެއް ކަމަށް ސިފަކޮށްފައެވެ. އަދި އދ. އާއި ދުނިޔޭގެ ބައެއް ޤައުމުތަކުންވަނީ މިޙަމަލާތައް ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ.