ޚަބަރު

އެހީތެރިކަން މެދުނުކެނޑޭނެކަން ހާމަކޮށްދޭން އެމެރިކާގެ ޚާރިޖީ ވަޒީރު ކީވަށް


އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަން މެދުނުކެނޑޭނެކަމުގެ ޔަގީންކަން އަރުވަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޔޫކްރެއިންގެ ވެރިރަށް, ކީވަށް ވަޑައިގަންނަވައިފިއެވެ. މިއީ, ޔޫކްރެއިނަށް 61 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސުން ފާސްކުރި ފަހުން ބްލިންކަން ކީވަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބްލިންކަންގެ ދަތުރުފުޅުގެ ބޭނުމަކީ, ވަރަށް ދަތި އަދި ނުރައްކާތެރި ދަނޑިވަޅެއް ކުރިމަތިވެފައިވާ ޔޫކްރެއިނާ އެކު އެމެރިކާއިން ދެމި އޮތް ކަން ސާބިތުކޮށް ދިނުމެވެ. "[އެމެރިކާގެ] ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ, މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރާނެ ގޮތްތަކާއި, ޔޫކްރެއިންގެ ދިފާޢީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ގޮތްތައް އެ ޤައުމަށް ސާފު ކޮށްދެއްވުން،" އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެމެރިކާއިން ބުނީ, ޔޫކްރެއިނަށް ބޭނުންވާ އިތުރު އާޓިލަރީ ބަޑިއާއި ޝެލް ނުވަތަ ބޮމުގެ އިތުރުން ދުރު ރާސްތާ މިސައިލްތައް ފޮނުވަން ރައީސް ޖޯ ބައިޑަން ނިންމަވާފައިވާ ކަމުގައެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލް ވިދާޅުވީ, އެ ހަތިޔާރުތައް ޔޫކްރެއިނަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި, ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެ ހަތިޔާރުތައް ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމުގައެވެ.

ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން އެމެރިކާއިން މަސައްކަތް ފަށާފައި މި ވަނީ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދަމުންދާ ވަގުތެއްގައެވެ. ސިފައިންނާއި އާޓިލަރީ ޝެލްގެ ޢަދަދު މަދުވުމުގެ ސަބަބުން ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ދޮންޏެސްކުގެ ދެކުނުގައިވާ ސަރަޙައްދުތައް ދިފާޢު ކުރަން ޔޫކްރެއިނަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ, ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ކަންކަން ހަލުވި ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. "ގޮންޖެހުންތައް ކުރިމަތިވެ, ހަތިޔާރު ފޮނުވުން ލަސްވުމާ ގުޅިގެން ޔޫކްރެއިން އޮތީ ވަޅުގަނޑަކަށް ވެއްޓިފައި. އެ ވަޅުގަނޑުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭން އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ސަލިވަން ވިދާޅުވިއެވެ.

2022 ފެބުރުވަރީ 24ގައި ރަޝިޔާއިން ފެށި ހަނގުރާމައިގައި ޔޫކްރެއިންގެ ބިމުގެ 18 އިންސައްތައެއްހާ ސަރަޙައްދަށް ރަޝިޔާއިން ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ދޮންޏެސްކުގެ އިތުރުން ލުހާންސްކާއި ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން 2023ވަނަ އަހަރު ފެށި ރައްދު ޙަމަލާގެ ކެމްޕޭން ވަނީ ފޭލުވެފައެވެ.

ދާދި ފަހުން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް, ހަރްކިވަށް އެރުމަށް މަސައްކަތް ފަށާފައެވެ. ހަރްކިވަކީ, ރަޝިޔާގެ ބިޔެލްގޮރޮދްގެ ސަރަޙައްދީ ރޮނގާ އިންވެގެން ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ރަށެކެވެ. އެ ރަށަށް އެއްގަމު މަގުން އެރުމަށް ރަޝިޔާގެ ފައުޖުތަކުން މަސައްކަތް ފަށާފައިވާއިރު, އެ ރަށް ދިފާޢު ކުރަން ޔޫކްރެއިންގެ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.