ޚަބަރު

ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ

  • ކަނޑުތައްވެސް ގަދަވާނެ

  • ފެންބޮޑުވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ކުރިއައް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، އަދި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭވެހުމުގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަވާނެކަމަށެވެ. އެހެންކަމުން ކަޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.