ސިޔާސީ

ސަރުކާރުން ދަނީ އިޞްލާޙީ ބަދަލުތަކެއް ތަންފީޒުކުރައްވަމުން


ރާއްޖޭގައި އޮތް ޑިމޮކްރެސީގެ ޘަޤާފަތް އިތުރަށް ހަރުދާނާކުރެއްވުމަށް ސަރުކާރުން އިޞްލާޙީ ބަދަލުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ އިއްޔެ ބައްދަލް ކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ދުންޔާ ވަނީ ސަރުކާރުން އިސްނަންގަވައިގެން ބާއްވަވާ ސިޔާސީ މަޝްވަރާތަކުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކުގެ ތަފްޞީލް ޑިޕްލޮމެޓުންނަށް ހާމަކޮށްދެއްވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވަވާ ވާހަކަތަކުގައި ދިމާވާ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާކަމަށް ވިދާޅުވެފައިވެއެވެ. ދުންޔާ ވިދަޅުވީ ރާއްޖޭގައި ޑިމޮކްރަސީ ނިޒާމް އަދިވެސް ދަނީ ފުރިހަމަވަމުން ކަމަށާއި، ސަރުކާރުގެ ހިންގުމުގެ ނިޒާމް އިޞްލާޙުކުރުމުގެ ޕްލޭން ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމަށް ޓެކްނިކަލް އެހީ ހޯދުމަށް ކޮމަންވެލްތު، ޔޫއެން، އަދި އީޔޫފަދަ ބޭރުގެ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީވެސް ބައިވެރިވެވަޑައިގަންނަވައެވެ. އިއްޔެގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި މިފަހުން ހިނގާދިޔަ ކަންކަމުގެ ތަފްޞީލް ޑިޕްލޮމެޓުންނަށް ހާމަކޮށްދެއްވާފައެވެ. އަދި ޕޮލިޓިކަލް ޕާޓީ ޑައެލޮގްގައި ލިބިފައިވާ ކުރިއެރުން ފާހަގަކުރައްވައި ވާހަކަތައް ކުރިޔަށްދާ ގޮތާމެދު ހިތްޕުޅުހަމަޖެހޭ ކަމުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ދުންޔާއާއި މިނިސްޓަރ ޝައިނީ އިއްޔެ ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހާ އާ ބައްދަލް ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ދުންޔާ ވަނީ ސްރީލަންކާގައި ތިއްބަވާ ބަޔެއް ބޭރުގެ އިސްފަރާތްތަކާއެކު ވަކި ވަކިންވެސް ބައްދަލުކުރައްވާފައެވެ.