ޚަބަރު

ލާމަރުކަޒީ ޤާނޫނު އިސްލާހުކުރުމަށް ބޭނުންވާ އިލްމީ ދިރާސާ މިމަހު ފަށަނީ


  • މި ދިރާސާ ކުރަނީ ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސިޓީން

  • ލާމަރުކަޒީ ނިޒާމައި ގުޅިގެން އާންމުންގެ ޚިޔާލު ހޯދާނެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ބޭނުންވާ ދިރާސާ ހެދުމުގެ މަސައްކަތް މިމަހު ފައްޓަވާނެކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި ދިރާސާގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިވަންކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މިހާތަނަށް ގެނެސްފައިވާ ގިނަ އިޞްލާހުތަކަކީ، ދިރާސާ ކުރުމެއްނެތި ވަގުތީ ޙައްލުތަކެއް ހޯދުމަށް ގެނެސްފައިވާ އިޞްލާހުތަކެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޤާނުނު ހެދުމަކީ، އެކަންކަމާއި ގުޅޭ ގޮތުން ވަރަށް ބޮޑަށް ދިރާސާތައްކުރެވި، އެކަންކަމުން ނިކުންނާނެ ނަތީޖާއަށް ދެނެގަތުމަށްފަހު ގެންނަ ބަދަލުތަކެއްކަމަށެވެ. މި ދިރާސާ ކުރިއަށްގެންދާނީ މިނިވަން މުސްތަޤިއްލުކަމާއިއެކު، ޢިލްމީ ދިރާސާއެއްގެ ގޮތުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު ޤާނޫނުގައި ހުރި ކަންކަމާއި، އެކަންކަމާއި މެދު ކައުންސިލްތަކުން ދެކޭގޮތާއި، އެކަންކަން ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް އަދި ލާމަރުކަޒީ ނިޒާމާއި ގުޅިގެން އާންމުންގެ ޚިޔާލުވެސް ހޯއްދަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ

" މި އަންނަ ބަދަލުތައް ،ހަޤީގަތުގައި ކުޅޭކުޅޭ އެއްޗަކަށް ވެގެންދިޔާމާ ރައްޔިތުންނަށް އެހާ ފަސޭހައެއް ނުވާނެ. ރަށްރަށް ކުރިން ހިންގަމުން ދިޔައީ ކުޑަކަތީބަކާއި ބޮޑުކަތީބަކާއެކު. އެހެން އޮތް ވެރިކަމެއް އޮވެފައި، ކުއްލިއަކަށް 5 ކައުންސިލަރުން ނުވަތަ 7 ކައުންސިލަރުންނާ އެކު މަސައްކަތް ފެށީމާ ޚިދުމަތްތައް ވަކި އަވަހަށް ފަހިވެއްޖެތޯ، މީގެ ސަބަބުން އައީ ކޮން ބަދަލެއްތޯ. މިކަންކަމަށް ރައްޔިތުންނާ ސުވާލުކުރަން ބޭނުންވޭ."

ލާމަރުކަޒީ ޤާނޫނަށް ދިހަވަރަކަށް އިސްލާހު ގެނެސްފައިވާއިރު، 19ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 2 އިސްލާހެއް ގެނެސްފައިވެއެވެ.

ލަމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ވަކި އިންސައްތައެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭގޮތަށް ޤާނޫނަށް އިސްލާހުގެނައުމަށް ގަސްތުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފަޅުރަށްތައް ކުއްޔަށް ދުޚުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދިނުމާއި ރަށްރަށަށް އަމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކައުންސިލްތައް ހިންގުމަށް ސަރުކާރުން ދޫކުރައްވާ ބްލޮކް ގްރާންޓް އިތުރުކޮށްދެއްވާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހަރަކާތްތައް ހިންގާ ބަޖެޓު އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.