ޚަބަރު

ޤަތަރާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • މި މަޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޤަތަރުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ

  • ޚާރިޖީ ވަޒީރު ވަނީ ރާއްޖެއާއި މެދު ޤަތަރުން ބާއްވާ ގާތް ގުޅުމަށް ޝުކުރު އަދާކޮށްފައި

  • ޤަތަރާއި ރާއްޖެއާއި ޚާރިޖީ ގުޅުން ޤާއިމް ކުރިތާ މިއަހަރަށް 40 އަހަރު ފުރޭނެ

ޚާރިޖީ ވަޒީރު ޒަމީރު މޫސާ ޒަމީރު ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަހްމާން ބިން ޖާސިމް އަލް-ޘާނީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުމަށް ޤަތަރުގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ބަދަހިކުރުމަށް މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާ ކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ޒަމީރު ވަނީ ފަލަސްޠީނުގެ މައްސަލާގައި ސުލްހަ ޤައިމް ކުރުމަށް ޤަތަރުން ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ. އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދޭދޭ ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.


ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. ވަޒީރު ޤަތަރަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 11 އިން 13 އަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މި އަހަރަކީ ރާއްޖެއާއި ޤަތަރާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 40 އަހަރު ފުރޭ އަހަރުކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.