ޚަބަރު

ނަރުހުންގެ ޚިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެން: ނައިބު ރައީސް


  • ނަރުހުންނަކީ ބަލިމީހުންނާއި އެންމެގާތުން މަސައްކަތްކުރާ މީހުންކަން ފާހަގަކުރެއްވި

  • ޞިއްޙީ ނިޒާމު ފުރިހަމަކުރުމުގައި ނަރުހުންގެ ދައުރު ބޮޑު

ނަރުހުންގެ ޚިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތްތަކަކާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ނަރުހުންނަކީ ޞިއްޙީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށެވެ. އަދި ނަރުހުންގެ އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ނަރުހުންގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނިއްޔަތަށްޓަކާ ނަރުހުން ވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ. ޞިއްޙީ ޚިދުމަތް އެންމެފުރިހަމަކަމާއެކު ފޯރުކޮށްދިނުމުގައި ނަރުހުންގެ ދައުރަކީ ނުހަނު ބުރަ އަދި ބޮޑު މަސައްކަތެކެވެ.