ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު މުބާރާތަށް މި ފަހަރު ނުކުންނާނީ ޗެމްޕިއަންކަން ދިފާއުކުރުމަށް ކަމަށް ޒުވާން އެތުލީޓް އަޝްރަފް ހަސަން ބުނެފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން އަޝްރަފް ހޯދީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ބަލިކުރުމަށް ފަހުގައެވެ.
މި އަހަރުގެ މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން އަޝްރަފް ބުނީ މި އަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ވަގުތު ވާޒީފާގެ ގޮތުން މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނައިރު، މި އަތޮޅުގެ ސާފިން ޕޮއިންޓުތައް ބަލައިގެން ފަރިތަކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ. އަޝްރަފް ބުނީ މުބާރާތުގައި ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިވަގުތު މުބާރާތަށް ތައްޔާރުވަމުންދަނީ މޫދުގައި ކުރިއަށްދާ ޚާއްސަ ފަރިތަކުރުންތަކުގެ އިތުރަށް، ޖިމްގައި ކުރިއަށްގެންދާ ޚާއްސަ ސެޝަންތަކަކާ އެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އަޝްރަފަކީ ފުވައްމުލައް ސިޓީގެ ރާޅު ކޮމިއުނީޓީން އެ ކުޅިވަރަށް ނުކުތް ޒުވާނެކެވެ. އަޝްރަފް ބުނީ އެ ކުޅިވަރަށް އެ ސިޓީގެ ޒުވާނުންގެ ބޮޑު ތަރުހީބެއް އޮންނަ ކަމަށެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލުގެ މާ ބޮޑު އެއްބާރުލުމެއް އެ ކުޅިވަރު ކުރިއަރުވަން ނުލިބޭކަން އަޝްރަފް ވަނީ ފާހަގަކޮށްފައެވެ.
އަޝްރަފުގެ ކާމިޔާބީ ފާހަގަކުރަމުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ ފުވައްމަލަކަކީ މާލެއާ އަޅާ ބަލާއިރު ވަރަށް ތަފާތު ރާޅުތައް ނަގާ ތަނެއް ކަމަށާއި، އަޝްރަފުގެ ކާމިޔާބީން ދޭހަކޮށްދެނީ އެ ކުޅިވަރަށް އޮތް ލޯތްބާއި ޝައުގުވެރިކަން ކަމަށެވެ.
"އަލަށް ނުކުންނަ އެތުލީޓުންވެސް ފޮލޯ ކުރަންޖެހޭ އެއްކަންތައް އެއީ. މިސާލަކަށް އަޝްރަފް މެން ރަށުގައި މުބާރާތަށް އައީ އެ ފަހަރު ވަން މަންތު ޕްރެކްޓިސް ކޮށްފައި. މީގެން މި އެނގެނީ ގަވާއިދުން ޕްރެކްޓިސްކުރުމުގެ މުހިންމުކަން.ހަސަން ރަޝީދު (ރަޝް) - އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ
ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު އޮންނާނީ މި މަހުގެ 27 އިން 31 ގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ. އެމްބީބީއޭއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު, މުބާރާތުގެ ބައިވެރިވުމުގެ ފަހު ތާރީޚަކީ މި މަހުގެ 22 ވަނަ ދުވަހެވެ.