ޚަބަރު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ވަޑައިގެންފި


  • މި ދަތުރުފުޅުގެ ތެރެއިން ޤަތަރުގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވާނެ

  • ވަޒީރު ޤަތަރަށް ވަޑައިގަންނަވަނީ މިމަހުގެ 11 އިން 13 އަށް

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ވަޑައިގެންފިއެވެ.

ވަޒީރު ޤަތަރަށް ފުރާ ވަޑައިގެންނެވީ މިމަހުގެ 11 އިން 13 އަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ޒަމީރު ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަހްމާން ބިން ޖާސިމް އަލް-ޘާނީއާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ވަޒީރު މޫސާ ޒަމީރު އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި އަހަރަކީ ރާއްޖެއާއި ޤަތަރާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމު ކުރިތާ 40 އަހަރު ފުރޭ އަހަރުކަން ޙަރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.