ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހު ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ ތެރޭ ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރުތައް މެދު ރާއްޖެ ތެރެއަށް ފޯރައި މި މަސް ނިމޭއިރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެކަމަށެވެ. އަދި އާންމުކޮށް އިރުވަައި މޫސުން އޮންނަނީ ޖެނުއަރީމަހުން މާރިޗު މަހަށްކަމަށެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.
މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ.