ޚަބަރު

މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ


  • މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި

  • މިތަން އިމާރާތް ކުރަނީ ޕާކިސްތާނުގެ ހިލޭ އެހީގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އިމާރާތްކޮދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މިއީ ޕާކިސްތާނުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ޤައުމީ ޔުނިވަރސިޓީން ވަނީ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް ގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސްއާއި ސްކޫލް އޮފް ނާސިންގެ އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިޢުލާންކޮށްފައެވެ.

މީގެ ތެރެއިން މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީން ފޯރުކޮށްދޭ ކުރެހުމާއެއްގޮތަށެވެ. އަދި ސްކޫލް އޮފް ނާސިންއާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވަނީ ޑިޒައިންނާއި ބިލްޑް އުޞޫލުގެ ދަށުންނެވެ.

މި ދެ މަޝްރޫޢުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޔޫއިން ވިދާޅުވީ، މެޑިކަލް ސްކޫލް ޤާއިމުކުރާނީ އެއްފަހަރާ 100 ދަރިވަރުންނަށް ކިޔަވައިދެވޭނެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށެވެ. އަދި ޓީޗިންގ ހޮސްޕިޓަލް ތަރައްޤީ ކުރަނީ 300 އެނދުގެ ހޮސްޕިޓަލެއްގޮތަށް، ބަލި މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީއާއެކުކަމަށެވެ.

މި ދެ ތަންވެސް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި މި 2 ތަނަށް 5700 އަކަ މީޓަރުގެ ސަރަޙައްދެއް ހުޅުމާލެއިން ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ. މެޑިކަލް ޓޫރިޒަމަށްވެސް މަގުފަހިވާގޮތަށް އިމާރާތް ކުރާ މި ސްކޫލާއި ހޮސްޕިޓަލުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކެއް ވަކިން ހުންނާނެއެވެ.

ހުޅުމާލޭގެ 69,912.28 އަކަ މީޓަރުގެ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސްއާއި ސްކޫލް އޮފް ނާސިންއަށް ވަކިވަކިން އިމާރާތެއް ޚާއްސަކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެތަނުގައި އެކަމަޑޭޝަން ބްލޮކްއާއި ކުޅިވަރުކުޅުމަށް ޚާއްސަ ސަރަޙައްދަކާއި ކޮންފަރެންސް ހޯލްފަދަ ދަރިވަރުންނަށް މުހިއްމު ތަންތަން އިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ. މިތަންތަން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އަންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުގައެވެ.