ޚަބަރު

އަމާޒަކީ ކުޑަކުދިންނަށް އަޅާލާ ބަދަހި ދިވެހި މުޖުތަމަޢުއެއް އުފެއްދުން: ވަޒީރު


  • ދިވެހި މުޖުތަމަޢަކީ ކުޑަކުދިންނަށް ޚާއްސަ ސަމާލުކަމެއްދޭ ތަނަކަށް ހެދުމަކީ އަމާޒެއް

  • ކުޑަކުދިންނަށް އަޅާލާ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރަންޖެހޭ

އަމާޒަކީ ދިވެހި މުޖުތަމަޢަކީ ކުޑަކުދިންނަށް އަޅާލާ ބަދަހި ތަނަކަށް ހެދުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވާ މިއަދު ފާހަގަކުރާ ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.

ވަޒީރު ވިދާޅުވީ އެ ވުޒާރާއިން މިހާރު އަމާޒު ހިފައިފާވަނީ ދިވެހި މުޖުތަމަޢަކީ ކުޑަކުދިންނަށް ޚާއްސަ ސަމާލުކަމެއްދޭ މުޖުތަމަޢަކަށް ހެދުމަށް ކަމަށެވެ. އަދި އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަންދޭ މުޖުތަމަޢަކަށް، ދިވެހި މުޖުތަމަޢު ހެދުމަކީވެސް އަމާޒެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އަމާޒަކީ ކުޑަކުދިންނަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކުދިންނަށް ޢާއިލާއާއި މުޖުތަމަޢުގެ ފަރާތުން އޯގާތެރިކަން ލިބޭ މުޖުތަމަޢެއް ބިނާކުރުން. އަދި މި ދިވެހި މުޖުތަމަޢަކީ ބަދަހި އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢަކަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެއް." ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރުގެ މެސެޖުގައި ދުވަހުގެ މުނާސަބަތުގައި ހުރިހާ ކުޑަކުދިންނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ހުރިހާ ކުޑަކުދިންނަށްވެސް އުފާވެރި ދުވަހަކަށް ވަޒީރު ޑރ. ޢައިޝަތު ޝިހާމް އެދިލެއްވިއެވެ.