ކުޅިވަރު

"ފުޓްބޯޅައާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރިން، ތަފާތަކީ މީޑިއާއަށް ތިލަ ނުވާކަން"


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅުންހުރި ތުހުމަތުތަކާ ގުޅޭ ގޮތުން ކުލަބުތަކާއެކު މަޝްވަރާކުރެއްވި ކަމަށާއި، އަދި އެކަމުގެ ކަންބޮޑުވުން ކަމާ ގުޅުންހުރި އިދާރާތަކަށް ހިއްސާކުރެއްވި ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ފުޓްބޯޅައިގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ޠަލާލް ފާޅުގައި ވާހަކަ ދައްކާފައި ނުވާތީ، ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަށް އިޝާރާތްކޮށް ޠަލާލް ވިދާޅުވީ އެގޮތަށް އެ ވާހަކަތައް ދައްކަނީ މީޑިއާގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވާތީ ކަމަށެވެ. އަދި އެއީ ވަގުތާއި ހާލަތުގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި، އެކަންކަމާ ގުޅޭގޮތުން ނިންމި ނިންމުންތަކާއި، އެޅުނު ފިޔަވަޅުތައް އެސޯސިއޭޝަނާ ހިއްސާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. ޠަލާލް ވިދާޅުވީ އެ ވަގުތު މީޑިއާއަށް އެކަމުގެ މައުލޫމާތު ހިއްސާކުރުމަކީ އެހާ ރަނގަޅު ކަމެއް ގޮތުގައި ނުފެންނާތީ، އެ މައުލޫމާތުތައް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

"
ކުލަބުތަކާވެސް އަޅުގަނޑު ދައްކަންޖެހޭ ވާހަކަތައް ދައްކަމުން ދިޔައީ. ދެން މީޑިއާގައި އެ ވާހަކަ ދެއްކީމައި ވާގޮތަކީ ވަކި ކުޅިވަރުތަކެއް އަޅުގަނޑު ތަފާތު ކުރަނީކީ ނޫން، ފުޓްބޯޅައި ދޭތެރޭގައި އާންމު ރައްޔަތުން މެދުގައި ދެކޭ ގޮތް ބަދަލުވެދާނެ، އެފަދަ ވާހަކަތައް ދައްކަންވެއްޖެއްޔާ.
މުޙައްމަދު ޠަލާލް - ކޮމިޝަނަރ އޮފް ސްޕޯޓްސް

ރާއްޖޭގައި މި ވަގުތު ފުޓްބޯޅަ އޮތް ހާލަތުން އާންމު ރައްޔަތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ، އަދި އެ ކުޅިވަރުގެ މަގުބޫލުކަން ގެއްލިދާ ފަދަ ވާހަކަތައް ދައްކަން ބޭނުންނުވާތީ، އެކަމުގައި މިޑިއާއާ ހަމަޔަށް ވާހަކަތައް ނުގެންދިޔައީ ކަމަށް ޠަލާލް ވަނީ ވިދާޅުވެފައެވެ.

ޠަލާލް ވިދާޅުވީ މިހާރު ހާލަތު އޮތް ގޮތުން ބައެއް ބެލެނިވެރިން ފުޓްބޯޅައަށް ކުދިން ފޮނުވަން ބޭނުންނުވާ ކަމަށާއި، އެހެންކަމުން ޝައުގުވެރިކަން ގެއްލިދާ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުން، ފުޓްބޯޅައިގަ މައްސަލަ މީޑިއާއާ ހަމައަށް ތިލަނުކުރަން ނިންމީ ކަމަށެވެ.

"
ކުރު މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެން ހައްލު ހޯދިދާނެ. މިހާރު އަޅުގަނޑުމެންނަށް އެބަފެނޭ ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއެކު ހައްލަކާ ހަމައަށްދާތަން.
މުޙައްމަދު ޠަލާލް - ކޮމިޝަނަރ އޮފް ސްޕޯޓްސް