ތަޢުލީމު

'ނެޝަނަލް ހައި އެޗީވާރސް އެވޯޑް'ގެ ސްޕޮންސަރަކަށް ދިރާގު


އޭލެވެލް އިމްތިހާނުގެ ގަދަ 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ 'ނެޝަނަލް ހައި އެޗީވާރސް އެވޯޑް' ގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެގޮތުން 'ނެޝަނަލް ހައި އެޗީވާރސް އެވޯޑް'ގެ އެކްސްކްލޫސިވް ސްޕޮންސަރ ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ މުއްދަތަށް ދިރާގަށް ދިނުމުގެ އެއްބަސްވުމެއްގައި އެޑީއުކޭޝަނުން ވަނީ ދިރާގާއެކު މިއަދު ސޮއިކުރައްވާފައެވެ.

ފާއިތުވި އަހަރު އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 2،120 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން 228 ދަރިވަރަކު ވަނީ ގަދަ 10އެއްގައި ހިމެނިފައިވެއެވެ. އަދި މީގެތެރެއިން 28 ދަރިވަރުންނަކީ ހުރިހާ މައްދާއަކުން އޭ ފާސް ހޯދާފައިވާ ދަރިވަރުންކަން ފާހަގަކޮށްލެއްވެއެވެ.

'ނެޝަނަލް ހައި އެޗީވާރސް އެވޯޑް' މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.