ޚަބަރު

އިންސާނީ ވަގުފާރީގެ ޖަރީމާއަށް ރާއްޖޭގައި ފުރުޞަތު ނުދެއްވާނެ


އިންސާނީ ވަގުފާރީގެ ޖަރީމާއަށް ރާއްޖޭގައި ފުރުޞަތު ނުދެއްވާނެކަމަށާއި، އެހެން ޤައުމުތަކުގައި އޮތްވަރަށް ރާއްޖޭގައި އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކަމީ ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ހާމަވެގެންދާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޖުޑީޝަރީއާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން ގުޅިވަޑައިގެން ބާއްވަވާ ޢިލްމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިމަހާސިންތާ މާދަމާގެ ނިޔަލަށް ކުރިއަށްގެންދަވާނެއެވެ.

އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގއާ ގުޅޭގޮތުން މައުލޫމާތު ޙިއްޞާ ކުރެއްވުމަށާއި، އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ޝަރުޢީ ދާއިރާގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ބާއްވަވާ ޢިލްމީ މަހާސިންތާ ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެ ތަރައްޤީގެ އާއުސްމިންތަކަކަށް މިސްރާބް ޖަހައި، އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ހޯދަމުންދާއިރު އިންސާނީ ވަގުފާރީގެ މައްސަލަތައް ފެންމަތިވެދާނެކަމަށް މުއައްސަސާތަކުން ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.

އަދި މިކަމަށްޓަކައި ޖުޑީޝަރީން ކުރައްވަމުންދާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިރަސްމިއްޔާރުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަތަކަށް ރާއްޖޭގައި ފުރުޞަތު ނުދިނުމަށް އެކަށީގެންވާ ޤާނޫނުތައް މިހާރުވެސް ވުޖޫދުގައި އެބަހުރިކަމަށެވެ. އެހެންނަމަވެސް އެފަދަ ކަންކަމަށް ފުރުޞަތު ނުދިނުމަށް، ޤާނޫނީ އިސްލާޙްތަކެއް ގެންނަންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ. އިންސާނީ ވަގުފާރިއަކީ މަޢާފް ނުކުރެވޭވަރުގެ ބޮޑު އިޖްތިމާޢީ ޖަރީމާއެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަކުރެއްވިއެވެ. އަދި ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަތައް ބެއްލެވުމަށް ޝަރުޢީ ކޯޓުތަށް އޮތީ ތައްޔާރުކުރެވިފައި ކަމަށާއި، މި ޢިލްމީ މަހާސިންތާއަކީ ފަނޑިޔާރުން އެކަމަށް ހޭލުންތެރިކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ބައެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި ޢިލްމީ މަހާސިންތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި ސުޕީރިއަރ ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑީޝަރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ޢިލްމީ މަހާސިންތާގައި މައުލޫމާތުދެއްވަނީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ތަޖުރިބާކާރުންނެވެ. އަދި އެމެރިކާގެ އެންބަސީގެ މަންދޫބުންވެސް މިކަމުގައި ބައިވެރިވެވަޑައިގަންނަވައެވެ.